އޫރީދޫ މޯލްޑިވްސްއިން އެކުންފުނީގެ "ގްރޯ ވިތް އޫރީދޫ" އިނީޝިއޭޓިވްގެ ދަށުން އައްޑޫ ސިޓީގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތަކީ އެންވަޔަރަމެންޓަލް ސަސްޓެއިނަބިލިޓީއަށާއި މުޖުތަމައުގެ ދުޅަހެޔޮކަމަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

Ad
rt

މި ހަރަކާތުގައި އައްޑޫ ސިޓީ ކައުންސިލުން ވަރަށް ހިތްވަރާއި ޖޯޝާއެކު ބައިވެރިވެފައިވާކަމަށް އޫރީދޫއިން ފާހަގަކުރިއެވެ. އަދި މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ އައްޑޫގައި ފެހި ވެށްޓެއް ގާއިމުކުރުން ކަމަށާއި، "ކޮންމެ ގަހެއް އިންދުމަކީ ބައިވެރިން ތިމާވެށި ރައްކާތެރިކުރުމަށް އަޅާ ހަރުދަނާ ފިޔަވަޅެއް" ކަމުގައި އޫރީދޫއިން ބުނެފައިވެއެވެ.

"ގްރޯ ވިތް އޫރީދޫ" އިނީޝިއޭޓިވްއަކީ އޫރީދޫގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ސްޓްރެޓެޖީގެ ބައެއްގެ ގޮތުގައި ފަށާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މަގުސަދަކީ ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއެރުވުމާއި ސިޓީތަކުގައި ފެހި ސަރަހައްދުތައް އިތުރުކުރުމަށް މަސައްކަތްކުރުމެވެ.

އޫރީދޫއިން މި ހަރަކާތް ފާހަގަކުރަމުން ބުނީ، "މިއީ ދެމެހެއްޓެނިވި ތިމާވެއްޓެއް މާދަމާއެއް ބިނާކުރުމަށް ނަގާ ޒިންމާއެއް" ކަމުގައެވެ. އަދި މުޅި ރާއްޖޭގައި މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ރޭވިފައެވެ.

މި ހަރަކާތަކީ ކުންފުނީގެ ވިޝަން ކަމަށްވާ ދެމެހެއްޓެނިވި އަދި ކެރިފޯރުންތެރި ރާއްޖެއެއް ބިނާކުރުމުގެ ލަނޑުދަނޑިއަށް އެޅޭ އިތުރު ފިޔަވަޅެއްކަމަށް އޫރީދޫއިން ފާހަގަކޮށްފައިވެއެވެ.