މުބާރާތެއްގައި 1 ވަނަ 2 ވަނަ 3 ވަނަ އެއް ޓީމަކުން، އެއް ޓީމެއްގެ ބައިވެރިން ހޯދުމަކީ އާދައިގެ ކާމިޔާބީއެއްނޫނެވެ. އެކަންވާނީ އާދަޔާ ޚިލާފް ހުނަރަކާއި، ބުރަ މަސައްކަތުންކަން ޔަގީނެވެ. މާލެ އަތޮޅު ހުރާ ކައުންސިލުގެ ތިންވަނަ މަދަހަ މުބާރާތުގައި ޒޯނު 2 ގެ ބައިވެރިން މިވަނީ މި ފަޚުރު ހާސިލްކޮށްފައެވެ. މި މުބާރާތުގެ ފަޚުރުވެރި 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޯދާފައިވަނީ މި މުބާރާތުގައި ވާދަކުރި ''ޒޯނު 2'' ގެ ތިން ބައިވެރިންނެވެ.

މި މުބާރާތަކީ ހުރާގެ 3 ޒޯންގެ މެދުގައި ކުރިއަށްދިޔަ މުބާރާތެކެވެ. މުބާރާތުގައި ބައިވެރިން ވާދަކޮށްފައިވަނީ އިންޑިވިޖުއަލް އަދި ގްރޫޕްތަކުގެ މެދުގައެވެ. މި މުބާރާތަކީ ހުރާގައި އެކުވެރިކަން އާލާކުރުމާއި ޒޯންތަކުގެ މެދުގައި ވާދަވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި 2023 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެއް ކަމަށެވެ. އަދި މިއީ މިފަދަ ތިންވަނަ މުބާރާތެވެ. މިކަން ވަނީ މުބާރާތުގެ ނަތީޖާ ފާޅުކުރި ޖަލްސާގައި މާލެ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަދި ހުރާ ކައުންސިލް ރައީސް އީސާ އަޙުމަދު ފާހަގަކުރަށްވާފައެވެ.

Ad
rt

ސަޕޯޓަރުން ހިތްވަރުދެނީ

މާލެ އަތޮޅު ހުރާ ކައުންސިލުގެ ތިންވަނަ މަދަހަ މުބާރާތުން، މުޅި މުބާރާތުގެ ފަޚުރުވެރި އެއްވަނައަށް ހޮވުނީ ޒޯނު 2 ގެ ފާޠިމަތު ނަޠާޝާއެވެ. ނަޠާޝާއަށް "ދަ ޓްރެވެލަރސް ޙައްޖު އެންޑް ޢުމްރާ" ގެ ޢުމްރާ ދަތުރުގެ އިތުރުން ފައިސާގެ އިނާމާއި ޓްރޮފީ ލިބިފައިވެއެވެ. މުޅި މުބާރާތުގެ ފަޚުރުވެރި ދެވަނައަށް ހޮވުނީ ހަމަ ޒޯނު 2 ގެ ތުޙުފާ އިބްރާހީމެވެ. ތުޙުފާއަށް ފައިސާގެ އިނާމާއި ޓްރޮފީ ލިބިފައިވެއެވެ. އަދި މުޅި މުބާރާތުގެ ފަޚުރުވެރި ތިންވަނައަށް ހޮވުނީވެސް ޒޯނު 2 ގެ ޢާއިޝަތު ޖަޒްލާ ވާފިރެވެ. ޖަޒްލާއަށްވެސް ފައިސާގެ އިނާމާއި ޓްރޮފީ ލިބިފައިވެއެވެ.

މުބާރާތުގެ ފަޚުރުވެރި 1،2،3 ވަނަ ހޯދި ޒޯނު ދެއަކަށް އިނާމް ހަވާލުކުރަނީ

މި އިނާމުތައް ތިން ބައިވެރިންނާ ހަވާލުކޮށްދެއްވާފައި ވަނީ އިނާމް ދިނުމުގެ ޖަލްސާގެ ޝަރަފުވެރިކޮށްދެއްވި ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޢުމަރު ޒާހިރެވެ.

މުޅި މުބާރާތުގެ ފަޚުރުވެރި އެއްވަނައަށް ހޮވުނު ޒޯނު 2 ގެ ނަޠާޝާއަށް އިނާމް ދެނީ

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ހުރާ ކައުންސިލާއި ކ. ހުރާ ބެލިސިމޯ ސްޕޯޓްސްއާ ގުޅިގެންނެވެ. މުބާރާތުގައި ގްރޫޕް މަދަޙަ ކިޔުމުން 1 ވަނަ ހޯދީ ޒޯން 3 ގެ އަބަދީ ނިޝާން ގްރޫޕެވެ. 2 ވަނަ ހޯދީ ޒޯން 3 ގެ ވުޞޫލް އަލްނަބަވީ ގްރޫޕެވެ. އަދި 3 ވަނަ ހޯދީ ޒޯން 2 ގެ ޒިކުރު ގްރޫޕުންނެވެ.

މުބާރާތް އިންސާފުކޮށްދެއްވީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ ރާފިޔަތު ރަމީޒާ އަދި އިބްރާހިމް އާމިރެވެ.

ކޮންމެއަކަސް ހުރާ ކައުންސިލުގެ ތިންވަނަ މަދަހަ މުބާރާތުގެ ތަރިންނަކީ ''ޒޯން 2''ގެ ފާޠިމަތު ނަޠާޝާ އާއި ތުޙުފާ އިބްރާހީމް އަދި ޢާއިޝަތު ޖަޒްލާ ވާފިރެވެ. އެއީ އެ ހުށަހެޅުންތެރިންގެ މަސައްކަތާއި ސަޕޯޓަރުންގެ ހިތްވަރުކަން ޔަގީނެވެ.