ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު މީހުން ލީބިއާއަށް ބަދަލުކުރުމުގެ މަސައްކަތް އެމެރިކާ ސަރުކާރުން ކުރަމުންދާ ކަމަށް ބުނެ ނެރެފައިވާ ރިޕޯޓެއް، ލީބިއާގައި ހުންނަ އެމެރިކާގެ އެމްބަސީން އާދީއްތަ ދުވަހު ދޮގުކޮށްފިއެވެ.
އެމެރިކާގެ ނިއުސް ޗެނަލް އެން.ބީ.ސީ އިން ބުރާސްފަތި ދުވަހު ރިޕޯޓުކޮށްފައިވަނީ، ޣައްޒާގައި ދިރިއުޅޭ އެއް މިލިއަނަށްވުރެ ގިނަ ފަލަސްތީނު މީހުން ލީބިއާއަށް ދާއިމީކޮށް ބަދަލުކުރުމުގެ ޕްލޭނެއްގެ މައްޗަށް ޓްރަމްޕް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ. މި މައުލޫމާތު އެ ނިއުސް ޗެނަލަށް ލިބިފައިވަނީ މި މައްސަލައާ ގުޅޭ ސީދާ މައުލޫމާތު އެނގޭ ދެ މީހުންނާއި، ކުރީގެ އެމެރިކާ އޮފިޝަލެއް ހިމެނޭ ގޮތަށް ޖުމްލަ ފަސް މީހުންގެ ފަރާތުން ކަމަށް އެ ޗެނެލުން ބުނެފައިވެއެވެ.
"ޣައްޒާގެ މީހުން ލީބިއާއަށް ބަދަލުކުރުމުގެ ޕްލޭނެއް އޮތް ކަމަށް ބުނެފައިވާ ރިޕޯޓަކީ ތެދެއް ނޫން،" އެމެރިކާ އެމްބަސީން އެކްސް ޕްލެޓްފޯމްގައި ބުނެފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން ޓްރިޕޮލީގައި ހުންނަ ބައިނަލްއަޤްވާމީ ގޮތުން ބަލައިގެންފައިވާ ނެޝަނަލް ޔުނިޓީ ސަރުކާރުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކުރިން ވެސް ޣައްޒާ، އެމެރިކާގެ ބެލުމުގެ ދަށަށް ގެނެސް، އެތަނުގައި ދިރިއުޅޭ ފަލަސްތީނު މީހުން އެހެން ތަންތަނަށް ބަދަލުކުރަން ބޭނުންވާ ކަމަށް ބުނެފައެވެ. އޭޕްރިލް މަހު ޓްރަމްޕް ބުނެފައިވަނީ ފަލަސްތީނު މީހުން "އެކި ގައުމުތަކަށް ބަދަލުކުރެވިދާނެ" ކަމަށާއި، "އެކަން ކޮށްދޭނެ އެތައް ގައުމެއް އެބަހުރި" ކަމަށެވެ.
ނަމަވެސް ފަލަސްތީނު މީހުން ޣައްޒާއިން ނެރުމުގެ އެއްވެސް ޕްލޭނަކަށް ފަލަސްތީނުން ވަރަށް ބޮޑަށް އިންކާރުކުރެއެވެ. އެފަދަ ޚިޔާލުތައް އެމީހުން އަޅާކިޔަނީ 1948 ވަނަ އަހަރު ހިނގި "ނަކްބާ" ނުވަތަ "ކާރިސާ" އާ އެވެ. އެއީ އިސްރާއީލު އުފެދުމާ ގުޅިގެން ހިނގި ހަނގުރާމައިގައި ފަލަސްތީނުގެ އެތައް ހާސް މީހުން އެމީހުންގެ ގެދޮރުން ނެރެވުނު ހާދިސާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!