އިންޑިއާގައި މި ފަހަކުން ހިންގި ބޮޑެތި ޓެރަރިސްޓް ހަމަލާތަކުގެ މައިގަނޑު ރޭވުންތެރިއެއް ކަމަށް ބެލެވޭ ލަޝްކަރެ ޠައްޔިބާ (އެލްއީޓީ) ގެ އިސް މެންބަރެއް ކަމަށްވާ ސައިފުﷲ ޚާލިދު ޕާކިސްތާނުގެ ސިންދު ސޫބާގައި، މަރާލައިފިއެވެ.

އިންޑިއާ ޓުޑޭ ޓީވީއަށް މަޢުލޫމާތު ދިން ފަރާތްތަކުން ބުނި ގޮތުގައި އޭނާ މަރާލީ ކޮންބައެއްކަން ނޭންގޭ ގްރޫޕަކުން ދިން ހަމަލާއަކުންނެވެ.

Ad
rt

ޚާލިދަކީ އިންޑިއާގައި ހިންގި ތިން ބޮޑު ހަމަލާގެ މައިގަނޑު ރޭވުންތެރިއެކެވެ. އެއީ 2005 ވަނަ އަހަރު ބެންގަލޫރުގައި ހިންގި އިންޑިއަން ސައިންސް ކޮންގްރެސް (އައިއެސްސީ) އަށް ދިން ހަމަލާއާއި، 2006 ވަނަ އަހަރު ނާގްޕޫރުގައި ހުރި ރަޝްޓްރިޔާ ސްވަޔަމްސެވަކް ސަންގް (އާރްއެސްއެސް) ގެ މައި މަރުކަޒަށް ދިން ހަމަލާއާއި، 2008 ވަނަ އަހަރު ރާމްޕޫރުގައި ހުރި ސީއާރްޕީއެފްގެ ކޭމްޕަށް ދިން ހަމަލާއެވެ.

މި ތިން އަހަރުގެ ތެރޭގައި ހިންގި މި ހަމަލާތަކުގައި ގިނަ ބަޔަކު މަރުވެ، އިންޑިއާގެ ބިމުގައި އެލްއީޓީން ހިންގާ ހަރަކާތްތައް ބޮޑުތަނުން އިތުރުވެގެން ދިޔައެވެ.

"ވިނޯދް ކުމާރު" ގެ ނަމުގައި މަސައްކަތްކުރި ޚާލިދު ވަނީ ގިނަ އަހަރުތަކެއް ވަންދެން ނޭޕާލުގައި ދިރިއުޅެފައެވެ. އެތާނގައި އޭނާ އުޅުނީ ކާކުކަން އަންގައިދޭ ދޮގު ލިޔުންތަކެއް ބޭނުންކޮށްގެންނެވެ. އަދި ނޭޕާލުގެ އަންހެނެއް ކަމަށްވާ ނަގްމާ ބާނޫއާ އިނދެގެން އުޅުނެވެ.

ނޭޕާލުގައި ހުރެ ޚާލިދު ވަނީ އެލްއީޓީގެ ހަރަކާތްތައް ވިލަރެސްކޮށް، މީހުން ރެކްރޫޓްކުރުމާއި ލޮޖިސްޓިކްސްގެ މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާ އުޅުނީ ވަރަށް ސިއްރުންނެވެ.

ފަހަކަށް އައިސް ޚާލިދު ވަނީ ޕާކިސްތާނުގެ ސިންދު ސޫބާގެ ބަދީން ޑިސްޓްރިކްޓްގެ މަޓްލީ އަށް ބަދަލުވެފައެވެ. އެތަނުގައިވެސް އޭނާ ވަނީ އދ. އިން މަނާކޮށްފައިވާ ޓެރަރިސްޓް ޖަމާޢަތެއް ކަމަށްވާ ލަޝްކަރެ ޠައްޔިބާ އާއި އޭގެ ފްރޮންޓް ޖަމާޢަތް ކަމަށްވާ ޖަމާޢަތުއްދަޢުވާ އަށް މަސައްކަތްކޮށްފައެވެ. މައިގަނޑު ގޮތެއްގައި އޭނާ މަސައްކަތްކޮށްފައިވަނީ މީހުން ރެކްރޫޓްކުރުމާއި ޓެރަރިސްޓް ހަރަކާތްތަކަށް ފައިސާ ހޯދުމުގެ މަސައްކަތުގައެވެ.