ދައުލަތުގެ މައި އެއް ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ.
މި ޖަލްސާ ބާއްވާފައި ވަނީ ބާސެލޯ ނަސަންދުރަ މާލެ ހޮޓެލްގެ ބޯލް ރޫމުގައެވެ.
އެސްޓީއޯއިން 2024 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 80 ރުފިޔާ ބަހަން ފާސްކުރިއިރު، ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 741 މިލިއަން ރުފިޔާއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 10 ޕަސެންޓް ދަށް އަދަދެކެވެ. 2023 ވަނަ އަހަރު ކުންފުނީގެ ފައިދާގެ ގޮތުގައި 812 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
އެސްޓީއޯ އަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 15 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު އެއް ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. އެއީ ހަތް ޕަސެންޓުގެ ދަށްވުމެކެވެ.
މި ޖަލްސާގައި 2023 ވަނަ އަހަރުގެ ޔައުމިއްޔާ، 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް އަދި ޑިރެކްޓަރުންގެ ރިޕޯޓުވެސް ވަނީ ފާސްކޮށްފައެވެ. އަދި ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް ހަމަޖައްސާފައިވާއިރު، އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 67,500 އެމެރިކާ ޑޮލަރު ދިނުމަށްވެސް މި ޖަލްސާގައި ވަނީ ނިންމާފައެވެ.
މީގެއިތުރުން، އެސްޓީއޯގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލްކުރާނެ ޑިރެކްޓަރެއްގެ ގޮތުގައި މުހައްމަދު އަހުސަން ސަލީމް ވަނީ 99.71 އިންސައްތަ ހިއްސާދާރުންގެ ވޯޓާއެކު އައްޔަންކޮށްފައެވެ.
އެސްޓީއޯއިން އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 15.4 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ 2023 ވަނަ އަހަރު ލިބުނު 16.4 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 7 އިންސައްތަ ދަށް އަދަދެކެވެ.
މިދިޔަ އަހަރު ބޭއްވުނު އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވެސް، އެ ކުންފުންޏަށް އޭގެ ކުރީ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް ބަހަން ފާސްކޮށްފައިވަނީ 80 ރުފިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!