ޗައިނާގެ ވޫހާން ސިޓީއިން ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަހުގެ އަސަރުކޮށްގެން ޗައިނާއިން މަރުވި މީހުންގެ އަދަދު މިހާރު 259 އަށް އަރާފައިވާކަމަށް މީޑިޔާ ތަކުން ބުނެފިއެވެ. މިވައިރަހުގެ ސަބަބުން މިހާތަނަށް މަރުވެފައިވަނީ ހަމައެކަނި ޗައިނާއިންނެވެ.

ޗައިނާއިން އާންމުކުރި ތަފާސްހިސާބުތައް ބުނާ ގޮތުގައި، ކޮރޯނާ ވައިރަހުގެ އަސަރުކޮށްގެން މިހާތަނަށް ޖުމްލަ 259 މީހުން މަރުވެފައިވާ ކަމަށާއި، އަދި ޗައިނާއިން އެކަނިވެސް މި ވައިރަހަށް 11860 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް ބުނެފައިވެއެވެ. އަދި މީގެ އިތުރުން 102000 މީހުން ތިބީ އޮބްޒަވޭޝަނުގައި ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ. މިހާތަނަށް މިވައިރަސްގެ އަސަރުކޮށް ބަލިވި މީހުންގެ ތެރެއިން ފައުވާއަށްފަހު ރަނގަޅު ވެފައިވަނީ 256 މީހުންނެވެ. އޭގެތެރެއިން ޗައިނާމީހުންގެ އަދަދަކީ 245 އެވެ.

Ad
rt

އަދި އިއްޔެއާއި ހަމަ އެކަނިވެސް 2102 މީހުންނަށް ޗައިނާ އިން ވަނީ ކޮރޯނާވައިރަސް ޖެހިފައިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން 27 ގައުމަކަށް މި ވައިރަސް ފެތުރިފައިވާއިރު، އެ ގައުމުތަކުން ދަނީ ޗައިނާއަށް ދަތުރުކުރުމާ ދެކޮޅަށް ހަރިކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި ޗައިނާއިން އެގައުމުތަކަށް، އެއްގަމާ، ކަނޑާ ވައިގެ މަގުން އަންނަ ފަސެންޖަރުން ނުވެއްދުމަށްވެސް ގިނަ ގައުމުތަކަކުން މިހާރު ދަނީ ނިންމަމުންނެވެ.

ގަވައިދާ ހިލާފަށް ވަލުޖަނަވާރު ވިއްކަމުންދިޔަ ސީފުޑް ބާޒާރަކުން 2019 ވަނަ އަހަރުގެ ފަހުކޮޅު އުފެދުނު، ނުރައްކާތެރި ކޮރޯނާވައިރަހުގެ އާ ރޯގާ (2019-އެންކޯވް)އަދި މިހާތަނަށް ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާއިރު، އެ ވައިރަހުން ދިފާއުވާނެ ވެކްސިންއެއްވެސް އުފެއްދިފައެއް ނުވެއެވެ.