މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މުޙައްމަދު އަމީންގެ އިތުބާރުނެތްކަމަށް މަޖިލީހަށް ހުށަހެޅި މައްސަލާގައި އަމީންގެ މައްޗަށް އިތުބާރު ނެތްކަމަށް ފާހެއްނުވިއެވެ.
މިއަދު މެންދުރުފަހު 1:30 ގައި ފެށި މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގައި އަމީންގެ އިތުބާރުގެ މައްސަލާގައި ވަނީ ވޯޓަށް އަހާފައެވެ.
އަމީންގެ އިތުބާރު އޮތްކަމަށް 54 މެމްބަރުން ވޯޓުދެއްވިއިރު، އިތުބާރު ނެތްކަމަށް ވޯޓު ދެއްވީ 11 މެމްބަރުންނެވެ. ވަކިކޮޅަކަށް ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓުދެއްވާފައެއްނުވެއެވެ.
އަމީންގެ އިތުބާރުނެތްކަމަށް ފާސް ކުރަން 47 ވޯޓު ބޭނުންވެއެވެ.
އަމީންގެ އިތުބާރު ނެތްކަމަށް ބުނެ މައްސަލަ މަޖިލީހަށް ވެއްދީ އިދިކޮޅު އެމްޑީޕީންނެވެ. އެ މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 29 ގައެވެ.
މަޖިލީހުގައި އެމްޑީޕީ ތަމްސީލް ކުރަށްވާ މެމްބަރުންގެ އަދަދަކީ 12 އެވެ. ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 75 އެވެ.
އެ މައްސަލަ ހުށަހެޅީ އޭޕްރީލް 18 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އިމާރާތެއްގެ ވެއްޓުނު މައްސަލައާ ގުޅިގެން އާންމުންގެ ގިނަބައެއްގެ ތުހުމަތު މިނިސްޓަރަށް އަމާޒުވާތީ ކަމަށް އެމްޑީޕީން ބުނެފަވެއެވެ.
ރައީސް ޑރ. މުހައްމަދު މުޢިއްޒު އަމީން ޓްރާންސްޕޯޓް މިނިސްޓަރުކަމަށް ޢައްޔަނުކުރެއްވީ 17 ނޮވެމްބަރ 2023 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!