ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ރެއާލް މަޔޯކާ ބައްދަލުކުރި މެޗުން ހަނިގޮތަކަށް ރެއާލް މޮޅުވެއްޖެއެވެ. ރޭ ރެއާލުގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން މަޔޯކާގެ މައްޗަށް ކުރި ހޯދީ ފަހަތުން އަރާ 2-1 ގެ ނަތީޖާއިންނެވެ.
މިވަގުތު ޕޮއިންޓް ތާވަލުގެ ދެވަނާގައި ރެއާލް އޮތީ 36 މެޗުން 78 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނާގައި އޮތް ބާސެލޯނާއަށް 35 މެޗުން 82 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ރަށުން ބޭރުގައި ބާސާ ނުކުންނާނީ އެސްޕަނިޔޯލްއާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބު ކޮށްގެން ލީގު ޗެމްޕިއަންކަން ކަށަވަރު ކުރުމުގެ ފުރުސަތު ބާސާއަށް ވަނީ ތަނަވަސް ވެފައެވެ.
އަނިޔާގެ ގިނަ މައްސަލަތަކާއި ކުރިމަތިވެފައިވާ ރެއާލުން ރޭ މެޗަށް ނެގި ޓީމުގައި ވަނީ ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމަނާފައެވެ. ފުރަތަމަ އެގާރާގައި އާދާ ގުލާއާއި އެންޑްރިކް އަދި އެސެންސިއޯގެ އިތުރުން ޖަކޯބޯ ރޮމަން އަށް ވަނީ ފުރުސަތު ދީފައެވެ. މީގެއިތުރުން ބެންޗްގައި މުޅީންހެން ތިބީ ބީ ޓީމްގެ ކުޅުންތެރިންނެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ މަޔޯކާއިންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި މަޔޯކާއަށް ލަނޑު ޖަހައިދިނީ ވަލްޔެންޓް އެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ މި ނަތީޖާއިން މަޔޯކާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ރެއާލުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މުޅި މެޗުގައި ރެއާލުން ވަނީ 39 ހަމަލާއެއް އުފައްދާފައެވެ. ރެއާލުގެ ފުރަތަމަ ލަނޑު 68 ވަނަ މިނެޓުގައި އެމްބާޕޭ ޖެހީ މޮޑްރިޗް ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ. މިއީ މި ސީޒަންގައި އެމްބާޕޭ ރެއާލަށް ޖަހައިދިން 40 ވަނަ ލަނޑެވެ. ރެއާލަށް ކުޅުނު ފުރަތަމަ ސީޒަންގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް މިހާރު އޭނާ ވަނީ މުގުރާލާފައެވެ.
ރެއާލުގެ ހަލަމާތައް ހުއްޓުވުމުގައި މަޔޯކާގެ ކީޕަރުގެ ފަރާތުން ވަނީ އާދަޔާ ހިލާފް މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ރެއާލް މެޗުން މޮޅުވި ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި ފަސްމިނެޓްގެ ވެސް ފަހު ވަގުތު ޖަހައިދިނީ ޒުވާން ޑިފެންޑަރ ޖަކޯބޯއެވެ. މިއީ އޭނާ ރެއާލްގެ ސީނިއާ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!