1446 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް އިންޑޮނޭޝިއާ، ޕާކިސްތާން އަދި ބަންގްލަދޭޝްގެ ޙާޖީން ސަޢޫދީ ޢަރަބިއްޔާއަށް ދިޔުމާއެކު ހައްޖުގެ އަޅުކަން އަދާކުރުމަށް އެ ޤައުމަށް ދިޔަ މީހުންގެ އަދަދު 220،000 އަށްވުރެ އިތުރުވެއްޖެއެވެ.

ސަޢޫދީ ނޫހަކާއި ހަވާލާދީ ގަލްފް ނިއުސްގައި ބުނެފައިވާ ގޮތުގައި، އަންނަ މަހުގެ ކުރީކޮޅު ފެށުމަށް ހަމަޖެހިފައިވާ ޙައްޖު އަޅުކަމަށް ތައްޔާރުވުމުގެ ގޮތުން، އެކި ޤައުމުތަކުގެ 220،000 އަށްވުރެ ގިނަ ޙާޖީން ސަޢޫދީ ޢަރަބިއްޔާއަށް މިހާރު ވަނީ އެތެރެވެފައެވެ.

Ad
rt

މުސްލިމުންގެ އާބާދީ އެންމެ ބޮޑު ޤައުމު ކަމުގައިވާ އިންޑޮނޭޝިއާއިން މިހާތަނަށް 50،000 އަށްވުރެ ގިނަ ޙާޖީން ގޮސްފައިވާ ކަމަށާއި، އެއަށްފަހު އެންމެ ގިނައިން ގޮސްފައި ވަނީ ބަންގްލަދޭޝް އަދި ޕާކިސްތާނުން ކަމަށް އެ ނޫހުގައި ބުނެފަވެއެވެ.

މި އަހަރުގެ ޙައްޖުގައި 221،000 އިންޑޮނޭޝިއާ ޙާޖީން ބައިވެރިވާނެ ކަމަށް ސަޢޫދީ އޮތޯރިޓީތަކުން ލަފާކުރެއެވެ.

ކުރިން ރޭވިފައިވާ ޕްލޭންތަކާ އެއްގޮތަށް، ޙާޖީން ބަލައިގަތުމަށާއި އެމީހުންގެ އެތެރެވުމުގެ އިޖުރާއާތުތައް ފަސޭހަކޮށްދިނުމަށް ސައޫދީގެ ހުރިހާ ވައިގެ، އެއްގަމު އަދި ކަނޑުގެ ބަނދަރުތައް ވަނީ ފުރިހަމައަށް ތައްޔާރުކުރެވިފައިކަމަށް ސައޫދީ ސަރުކާރުން ވަނީ ބުނެފައެވެ.

ފާއިތުވި އަހަރު، ސަޢޫދީ ޢަރަބިއްޔާގެ އެތެރެއާއި ބޭރުން ގާތްގަނޑަކަށް 1.8 މިލިއަން މުސްލިމުން ޙައްޖު އަޅުކަން އަދާކޮށްފައި ވެއެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.