ހއ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް "ލައިފް' ގެ ނަމުގައި ކުރިއަށް ގެންދާ ސްޕޯޓްސް ޕްރޮގްރާމެއް ފަށައިފިއެވެ.
މި މަހު 7 ވަނަ ދުވަހު ފެށި މި ޕްރޮގަރާމަކީ، ހޯރަފުށި ޕޮލިސް ސްޓޭޝަނާއި، ހއ. އަތޮޅު މަދަރުސާއާއި، ހޯރަފުށީ ކައުންސިލުގެ އިތުރުން އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ، ޕްރޮގްރާމުުގެ ތެރެއިން ކުޅިވަރުގެ ހުނަރުތަކާއި އަހުލާގު ކުދިންނަށް ދަސްކޮށްދީ، ދީނީ ކަންކަމަށް އަހުލުވެރިކުރުމަށް މައުލޫމާތު ދިނުމުގެ އިތުރުން ރިވެތި އަދަބުތައް ދަސްކޮށްދީ ޒިންމާދާރު ހަރުދަނާ ކުދިންތަކެއް މުޖުމަތަމައުއަށް ނެރުމަށެވެ.
މި ޕްރޮގްރާމުގެ ދަށުން ކޮންމެ ބެޗް އަކަށްވެސް ތިން މަސްދުވަހުގެ ތަމްރީނު ދިނުމަށް ހަމަޖެހިފައިވެއެވެ.
ހޯރަފުށީ ދަރިވަރުންނަށް އަމާޒުކޮށްގެން ފެށި ޕްރޮގްރާމްގެ ތެރެއިން، ފޮޓޯ: ހޯރަފުށީ ޕޮލިސް ކްލަބް
އަދި ބައިބަޔަށް ކުދިން ބަހާލައިގެން މި ޕްރޮގްރާމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުޅިވަރުތަކަކީ ފުޓްސަލް، ފުޓުބޯޅަ، ވޮލީބޯޅަ އަދި ހޭންޑްބޯޅައެވެ. އެގޮތުން ގްރޭޑް 3 އިން 7 ގެ އަންހެން ދަރިވަރުންނަށް ހާއްސަކޮށްގެން ވޮލީބޯޅަ އާއި ހޭންޑްބޯލް ކުޅެން ހަމަޖެހިފައިވާއިރު ފިރިހެން ދަރިވަރުން ކުޅުމަށް ހަމަޖެހިފައިވަނީ ފުޓްސަލް، ފުޓުބޯޅަ އަދި ވޮލީ ބޯޅައެވެ.
އަދި މުބާރާތް ފެށުމުގެ ގޮތުން ހއ. އަތޮޅު މަދަރުސާގައި ތައުލީމު ހާސިލް ކުރަމުންދާ ގްރޭޑް 5 އާއި 7 ގެ 34 ދަރިވަރުން ހިމެނޭހެން ވަނީ ފުޓްސަލް ކުޅެފައެވެ.
ހޯރަފުށީ ދަރިވަރުންގެ އަހުލާގު ރަނގަޅު ގޮތެއްގައި ބައްޓަންކޮށް ދިރިއުޅުމުގެ މުހިންމު އަސާސްތައް ދަސްކޮށްދީ ހަރުދަނާ ޖީލެއް ބިނާކުރުމަށް ހޯރަފުއްޓަށް ނިސްބަތްވާ މުއައްސަސާތަކުގެ އިސްވެރިންނާއި މެމްބަރުން ދަނީ ގިނަ ގުނަ ޕްރޮގްރާމްތައް ބާއްވައި، މަސައްކަތްކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!