ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ބަޔާން މިއުނިކުން ކަށަވަރުކޮށްފިއެވެ. ބަޔާނަށް ލީގުގެ ޗެމްޕިއަންކަން ކަށަވަރުވެފައި މިވަނީ، ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތް ބަޔާން ލެވަކޫސަންއާއި ފްރެއިބާގް ރޭ ބައްދަލުކުރި މެޗު (2-2) އެއްވަރުވެ، ލެވަކޫސަންއަށް ދެ ޕޮއިންޓް ގެއްލުމާއި ގުޅިގެންނެވެ.

ހޮނިހިރު ދުވަހުގެ ރޭ ބަޔާން މިއުނިކާއި އާރުބީ ލައިޕްޒިގް ބައްދަލުކުރި މެޗު ކާމިޔާބު ކޮށްގެން ވެސް ލީގު ޗެމްޕިއަންކަން ކަށަވަރު ކުރުމުގެ ފުރުސަތު ބަޔާނަށް އޮތެވެ. ނަމަވެސް އެ މެޗުން ބަޔާން މޮޅުވާން ދަނިކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ފަހު ވަގުތު ލައިޕްޒިގް އިން ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކުރުމާއި ގުޅިގެން އެކަން ހާސިލްނުވީއެވެ.

Ad
rt

މިއީ ބަޔާން މިއުނިކުން ފާއިތުވި 13 ސީޒަންގެ ތެރޭގައި ޖަރުމަނު ލީގު ކާމިޔާބުކުރި 12 ވަނަ ފަހަރެވެ. މި ކާމިޔާބީ އެންމެ ހާއްސަވާ ކުޅުންތެރިއަކީ ބަޔާން އަށް ކުޅެމުން އަންނަ އިނގްލެންޑްގެ ކެޕްޓަން ހެރީ ކޭންއެވެ. ސަބަބަކީ މިއީ އޭނާގެ 15 އަހަރުވީ ކެރިއާގައި ހޯދުނު ފުރަތަމަ ތައްޓަށްވުމެވެ.

ޕްރިމިއާ ލީގުގެ ޓޮޓެންހަމްގައި ކެރިއާގެ ބޮޑުބައި ހޭދަކުރި ކޭން ބަޔާނަށް ބަދަލުވީ ކުރީ ސީޒަންގައެވެ. ކޭން ބަޔާނަށް ބަދަލުވި ސީޒަންގައި ބަޔާން ވެސް ނިންމާލަން ޖެހުނީ ހުސްއަތާއެވެ. ވުމާއިއެކު އޭނާ ތައްޓެއް ހޯދަން ކުރަމުން އައި އިންތިޒާރު ދިގުލީއެވެ.

ކޭންގެ ކެރިއާގައި މުހިންމު ބޮޑެތި ފައިނަލްތަކެއްގައި ވަނީ ކުޅެފައެވެ. ނަމަވެސް އެ އެއްވެސް މުބާރާތެއް ކާމިޔާބު ނުކުރެވުނެވެ. މިގޮތުން ކޭން ވަނީ އިންގްލެންޑް ގައުމީ ޓީމާއިއެކު އެންމެ ފަހުން ކުޅުނު ދެ ޔޫރޯ މުބާރާތުގެ ފައިނަލުގައި ވެސް ކުޅެފައެވެ. މީގެއިތުރުން ޓޮޓެންހަމްއާއިއެކު ޗެމްޕިއަންސް ލީގު ފައިނަލުގައި ވެސް ކުޅުނެވެ.