ހުޅުމާލޭގައި މަސްތުގެ ހާލަތުގައި ނުރައްކާތެރިކޮށް ކާރު ދުއްވި ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން މައުލޫމާތުދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2025 މެއި 1 ވަނަ ދުވަހުގެ ރޭގައެވެ. އެރޭ ހައިވޭ ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް، ހެޑްލައިޓް ނުދިއްލާ 4 ސިގްނަލް ޖައްސައިގެން ނުރައްކާތެރިކޮށް ބާރުސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ފާހަގަކުރެވުނެވެ. ފުލުހުން އެ ކާރު މަޑުކުރަން އެންގުމުން މަޑުނުކޮށް ދުއްވާފައި ގޮސްފައިވާތީ، އެހެނިހެން ބީޓްތަކުގެ ސަމާލުކަމަށް މިކަން ގެނެސްފައިވެއެވެ.
ފުލުހުން ބުނީ، ހުޅުމާލޭގައި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންގެ ޕެޓްރޯލް ބީޓްތަކުން މި ކާރު ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ހުޅުމާލެ ފޭސް 1، ހައިވަކަރު މަގުން ޓްރީޓޮޕާ ދިމާއަށް ދަތުރު ކުރަމުންދާ މަންޒަރު ފެނިފައިވާ ކަމަށެވެ. އަދި ކާރު މަޑުކުރުމަށް އިޝާރާތް ކުރުމުންވެސް މަޑުނުކޮށް، ބަމްޕަރުތަކަށްވެސް އަދި ގޯޅި އަޅާއިރުވެސް ދުވެލި މަޑު ނުކޮށް ނުރައްކާތެރިކޮށް އެކާރު ދުއްވާފައިވާކަމަށް ފުލުހުން ބުންޏެވެ.
ހުޅުމާލޭގައި މަސްތުގެ ހާލަތުގައި ނުރައްކާތެރިކޮށް ކާރު ދުއްވި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ، ފޮޓޯ: ޕޮލިސް
ފުލުހުން ބުނިގޮތުގައި އެ ކާރު މަޑުކޮށްފައިވަނީ ރަބަރުގަސްމަގު، ފްލެޓް ނަންބަރު 97 ކައިރިއަށެވެ. ފުލުހުން ކާރު ކައިރިއަށް ދިއުމުން އަނެއްކާވެސް ކާރު ދުއްވާލަން އުޅެފައިވެއެވެ. ނަމަވެސް ފުލުހުންނަށް ވަނީ ކާރު ދުއްވި ފަރާތް ހައްޔަރުކޮށްފައެވެ.
މި ކާރު ހުއްޓުވި އިރު، ކާރުގެ ކަނާތްފަރާތު ފަހަތު ފުރޮޅުގެ ޓަޔަރު ނެތްކަން ކަމަށް ފުލުހުން ބުންޏެވެ. އެ ޓަޔަރު ފެނިފައިވަނީ 103 ނަންބަރު ފްލެޓް ކައިރިންނެވެ. މީގެ އިތުރުން ކާރަށް އިތުރު ގެއްލުންތަކެއްވެސް ލިބިފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، މާލޭ، ހުޅުމާލެ ފްލެޓް ނަންބަރު 07-1-4 ގައި ދިރިއުޅޭ 23 އަހަރުގެ މުޙައްމަދު މާއިސްއެވެ.
މި މައްސަލައާ ގުޅިގެން، ހައްޔަރި މުޙައްމަދު މާއިސްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 3 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުންގެ ޚިދުމަތުން ބުނެފައިވާގޮތުގައި މި މައްސަލައާ ގުޅިގެން، ކާރު ޓޯވ ކޮށް މައްސަލަ ތަހުގީގު އަންނަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!