ފަހަކަށް އައިސް ބޭރުފައިސާ މާރުކޮށްދިނުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން މިއަދު ހާމަކޮށްފިއެވެ.

މިކަމާއި ސަމާލުވުމަށް ހަނދާންކޮށް ދެމުން ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ބުނީ، ބޭރުފައިސާ މާރުކުރުމަށް ބޭނުންކުރާ މެސެޖިންގ އެެޕްތަކުގެ ގްރޫޕްތަކުގައި ސްކޭމަރުން ގިނަވެފައިވާ ކަމަށެވެ.

Ad
rt

އެހެންކަމުން، މުޢާމަލާތްކުރާއިރު އެފަރާތަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ހުއްދަ ލިބިފައިވާ ފަރާތެއްތޯ ކަށަވަރު ކުރުމަށް ފުލުހުން އިލްތިމާސްކުރައްވާފައިވެއެވެ.

ފުލުހުން މިކަން އާންމުންގެ ސަމާލުކަމަށް ގެނެސްފައިވާއިރު، ބޭރު ފައިސާ ގަނެވިއްކާ ފަރާތްތަކަކީ އެމްއެމްއޭގެ ހުއްދަ އޮވެގެން އެ ވިޔަފާރިކުރާ ފަރާތެއްތޯ ކަށަވަރު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު އެމްއެމްއޭގެ ވެބްސައިޓުން ފެންނަން ހުންނާނެ ވެސް މެއެވެ.

މީގެ އިތުރުން، ވައިބަރ ހެކްކޮށްގެން ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތައްވެސް އިތުރުވަމުންދާ ކަމަށް ފުލުހުން ކުރިން ފާހަގަކޮށްފައިވާއިރު، މިކަމާ ގުޅިގެން ފުލުހުން ވަނީ ފައިސާ ފޮނުވުމުގެ ކުރިން ކާކުތޯ ޔަގީންކުރުމަށާއި، އޯޓީޕޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ކޯލް ސެންޓަރެއް ދިވެހި ފުލުހުންގެ ޚިދުމަތުން ދާދި ފަހުން ޤާއިމްކޮށްފައިވެއެވެ. މި ސެންޓަރުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެހެން އިދާރާތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، ނޭޝަނަލް އިމަރޖެންސީ ނަމްބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020) އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް reportscam@police.gov.mv މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރެވޭނެ ކަމަށެވެ.