ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތައް އިންސާފުވެރިކަމާއެކު ކަނޑައެޅުމަށް އެކުލަވާލަންޖެހޭ އުސޫލުތައް ވީއެންމެ އަވަހަކަށް އާންމުކުރާނެކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ބުނެފިއެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ، ކޮންމެ ރައްޔިތަކަށް އަސާސީ ބޯހިޔާވަހިކަން ފޯރުކޮށްދިނުންކަން ފާހަގަކޮށް، އެ ސިޔާސަތު ތަންފީޛުކުރުން މަތިކޮށްފައިވަނީ އެ މިނިސްޓްރީއަށްކަން ވަނީ ފާހަގަކޮށްފައެވެ.
މިއާއިއެކު އެ މިނިސްޓްރީގެ މެންޑޭޓްގައި، ރާއްޖޭގެ ހިޔާވަހިކަމާބެހޭ ޤައުމީ ސިޔާސަތުގެ ދަށުން ހިޔާވަހިކަމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، އެފަދަ ޕްރޮގްރާމްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމާއި، ރާއްޖޭގެ ހިޔާވަހިކަމާބެހޭ ޤައުމީ ސިޔާސަތުގެ ދަށުން ކަނޑައެޅޭ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ ރައްޔިތަކަށްވެސް ދިރިއުޅުމަށް އެކަށޭނެ ފެންވަރުގެ ހިޔާވައްސެއް ލިބިދެވޭނެ ގޮތްތައް ރާވައި، އެކަމަށް މަގުފަހިކުރެވޭނެ ގޮތަށް ކަމާބެހޭ އުސޫލުތައް އެކުލަވައިލައި އެ އުސޫލުތައް ހިންގުން ހިމެނޭކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
މި ބަޔާންކޮށްފައިވާ މެންޑޭޓްގެ ދަށުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހައުސިންގ ޔުނިޓްތައް އިމާރާތްކޮށް، ޔުނިޓްތައް ޙަވާލުކުރުމަށް އުސޫލުތައް ކަނޑައެޅުމުގެ މަސައްކަތްތައް އެ މިނިސްޓްރީން ކުރަމުންގެންދާކަމާއި، އޭގެ ތެރެއިން، ތިނަދޫ ސިޓީގައި ސަރުކާރުން އިމާރާތްކުރަމުންދާ 200 (ދުއިސައްތަ) ހައުސިންގ ޔުނިޓްގެ މަޝްރޫޢުއަކީ، އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ އެއް މަޝްރޫޢުކަން ހައުސިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާގަހަކޮށްފައެވެ.
''ސަރުކާރުން ކުރިއަށް ގެންދާ މިފަދަ ހައުސިންގ ޔުނިޓްތައް ދޫކުރުމަށް އެކުލަވާލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅަނީ މީގެކުރިންވެސް މި މިނިސްޓްރީން އެންޑޯސްކޮށް ހުއްދަ ލިބިގެންކަމުގައި ދަންނަވަމެވެ. ނަމަވެސް، 29 ޖަނަވަރީ 2025 ގައި، ތިނަދޫ ސިޓީ ކައުންސިލުން ވަނީ މި މިނިސްޓްރީގެ ހުއްދަ ނެތި ހައުސިންގ ޔުނިޓް ދޫކުރުމަށް އިޢުލާންކޮށްފައެވެ.'' މިނިސްޓްރީގެ ބަޔާނުގައި ބުނެފަވެއެވެ.
އެހެންކަމުން، ތިނަދޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާން ބާޠިލްކުރުމަށް އެ މިނިސްޓްރީން 30 ޖަނަވަރީ 2025 ގައި އެ ކައުންސިލަށް އަންގާފައިވާކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. އަދި ޔުނިޓްތައް ލިބޭފަރާތްތައް ކަނޑައެޅުމަށްޓަކައި ބޭނުންވާ އުސޫލު އެކުލަވާލުމަށްފަހު އެންޑޯސްކުރުމަށް އެ ނިސްޓްރީއަށް ހުށަހެޅުމަށްވެސް އަންގާފައިވާކަމަށް ބުންޏެވެ.
''އެހެންނަމަވެސް، މިއަދާހަމައަށް ތިނަދޫ ސިޓީ ކައުންސިލަށް އެންގި އެންގުމާ އެއްގޮތަށް ޢަމަލުކޮށްފައިނުވާކަން ހިތާމައާއެކު ފާހަގަކުރަމެވެ. އެހެންކަމުން، ތިނަދޫ ސިޓީ ކައުންސިލުން 29 ޖަނަވަރީ 2025 ގައި 200 (ދުއިސައްތަ) ހައުސިންގ ޔުނިޓް ދޫކުރުމަށް ކޮށްފައިވާ އިޢުލާންއަކީ މި މިނިސްޓްރީގެ ލަފާ އަދި އެންޑޯސްކުރުމަކާއި ނުލައި ކޮށްފައިވާ އިޢުލާނެއް ކަމުގައިވާތީ، މި އިޢުލާނުގެ ދަށުން ކުރެވޭ އެއްވެސް މަސައްކަތެއް މި މިނިސްޓްރީން ބަލައިނުގަންނަ ކަމުގައި ދަންނަވަމެވެ.'' މިނިސްޓްރީގެ ބަޔާނުގައި ބުނެފަވެއެވެ.
ހައުސިން މިނިސްޓްރީން ބުނިގޮތުގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު މި ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތައް ކަނޑައެޅުމަށް އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލުމަށްފަހު ވީ އެންމެ އަވަހަކަށް އިޢުލާން ކުރުމަށް މަސައްކަތް އެ މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!