ޒުވާން އަންހެން ކުއްޖެއް ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި އެ ކުއްޖާއާއި އެކު އުޅުނުކަމަށް މިހާތަނަށް ތަހްގީގަށް ފާހަގަވާ އެންމެންގެ ބަޔާން ނަގައި، ފުރުން މަނާކޮށްފައިވާކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ޝުޖާއު ވިދާޅުވިގޮތުގައި، މި މައްސަލައާމެދު ފުލުހުން އަމަލުކޮށްފައިވަނީ އެހެން މައްސަލަތަކުގައިވެސް އަމަލުކުރާގޮތަށެވެ. އަދި އެކަމުގައި ތަފާތުކުރުމެއް ގެންގުޅެފައި ނުވާނެކަމަށް ވެސް ވިދާޅުވިއެވެ.
ސީޕީ ވިދާޅުވިގޮތުގައި ކުއްޖަކު ވެއްޓިފައި އޮއްވައި ރިޕޯޓް ފުލުހުންނަށް ލިބުނީ ހުކުރު ދުވަހު 7:30 ހާއިރުއެވެ. އަދި ސިފައިންގެ އެހީތެރިކަމާއެކު އެ ކުއްޖާ ހޮސްޕިޓަލަށް ގެންދެވުނީ 8:00 ހާއިރު ކަމަށް ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ، ވެއްޓިފައި އޮތީ ކާކުކަން ދެނެގަތުމަށް ވެސް ވަގުތުތަކަށް ހޭދަވިއެވެ. އެހިސާބުން އެ އަންހެން މީހާއަކީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ފެށިކަމާާއި، ފުލުހުންގެ ރެކޯޑުތަކުގައި ނެތް މީހަކަށްވާތީ، އޭނާގެ އާއިލާއަކީ ކޮބައިކަން ބެލުމަށް ވަގުތުތަކެއް ނެގިކަމަށް ޝުޖާޢު ވިދާޅުވިއެވެ. އަދި އެ އަންހެން ދެނެގަނެވުނުހާ އަވަހަށް އާއިލާ އަށް އެ މައުލޫމާތު ދިންކަމަށްވެސް ސީޕީ ވިިދާޅުވިއެވެ.
ސީޕީ ވިދާޅުވިގޮތުގައި އެ މީހުން އެރޭ ވަދެފައިވާ ގެތައް ވެސް ފާސްކުރަން ކޯޓު އަމުރު ވެސް މިހާރު ވަނީ ހޯދާފައެވެ. އަދި ވެއްޓިފައި އޮތް އަންހެންކުއްޖާއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ އެންމެންގެ ބަޔާން ނަގައި، އެ އެންމެން ފުރުން މަނާކޮށްފައިވާ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އެރޭ އެ އަންހެން ކުއްޖާ ވެއްޓުނު ގޭތެރޭގައި އެ ކުއްޖާ އާއި އިތުރު ފިރިހެންކުއްޖަކު އުޅޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްތައް ވެސް ނޫސްވެރިންނަށް ދައްކާފައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ، މިހާތަނަށް 200 އަށް ވުރެ ގިނަ ފުޓޭޖް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ ކުއްޖާ ވެއްޓޭ މަންޒަރު ފެންނަގޮތަށް ހަރުކޮށްފައިވާ ކެމެރާއެއްގެ ފުޓޭޖް ހޯދުމަށް އެފަދަ ކެމެރާއަށް އަދި ދެނެގަނެވިފައި ނުވާކަމަށް ނަވީން ވިދާޅުވިއެވެ. އެފަދަ ކެމެރާއެއްގެ ފުޓޭޖް ހުރިނަމަ ފުލުހުންނާއި ހިއްސާކޮށްދިނުމަށް ޑީސީޕީ ވަނީ އާންމުންގެ ކިބައިން އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!