60 ސީސީއިން ދަށުގެ މޮޓޯސައިކަލާއި އޮޓޯ ސައިކަލާއި ރަށުޕިކަޕް ފަދަ އުޅަނދުދުއްވުމަށް 60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސަންސެއް ލިބޭ ގޮތަށް އެއްގަމުން އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެެހޭ ޤަވައިދަށް މިއަދު އިސްލާހް ގެނެސްފިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ފަރާތުން ގެނައި މި އައު އިސްލާހުގެ ދަށުން، 60 އަހަރުން މަތީގެ މީހުންނަށް ހަތަރު ގަޑިއިރުގެ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށްފަހު ހާއްސަ ލައިސަންސެއް ނެގިދާނެ އެވެ. މި ޕްރޮގްރާމްގައި ޓްރެފިކްގެ ގަވާއިދުތައް ކިޔައިދޭނެ ކަމަށް މިއަދު ގެނައި އިސްލާހްގައި ވެއެވެ.

Ad
rt

މި ހާއްސަ ލައިސަންސްގެ ދަށުން ދުއްވޭނީ 60 ސީސީ އިން ދަށުގެ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލާއި ރަށު ޕިކަޕް އަދި އުޅަނދުތައް އެކަންޏެވެ. އަދި މި ލައިސަންސް ލިބޭ ފަރާތްތަކަށް ދުއްވޭނީ ހަމައެކަނި އެ ލައިސަންސެއް ދޫކުރާ ރަށެއްގައި، 30 ކިލޯމީޓަރަށް ވުރެ މަޑުން ދުއްވަންޖެހޭ މަގުތަކުގައި އެކަނި ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.

މި ލައިސަންސް ދޫކުރެވޭނީ 10 އަހަރުގެ މުއްދަތަށެވެ. އަދި އަލުން ލައިސަންސް އައުކުރަން ބޭނުންވާ ފަރާތްތަކުން އަލުން ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރަންޖެހޭނެ އެވެ. އެއް ފަހަރަށް ވުރެ ގިނައިން ގަވާއިދާ ހިލާފުވެއްޖެނަމަ ލައިސަންސް ބާތިލްކުރުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށްވެސް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.

މި ޤަވާއިދުގައި ވާގޮތުން ލައިސަންސް ހޯދުމަށާއި، ލައިސަންސްއާ ގުޅޭ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމަށް ޓަކައި، 250 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ.

އަލަށް މި ގެނެވުނު އިސްލާޙާގުޅޭގޮތުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ލައިސަންސް ދޫކުރުމާބެހޭ ގަވާއިދަށް ގެނައި އިސްލާހުގެ ދަށުން ކަނޑައަޅާފައިވާ އިމްތިހާންތައް ފުރިހަމަކޮށްގެން މިހާރު ދޫކުރާ ވަގުތީ އަދި ދާއިމީ ލައިސަންސް ނެގުމަށް 18 އަހަރުން މަތީގެ އެއްވެސް އުމުރު ފުރައެއްގެ އެއްވެސް ފަރާތަކަށް ހުރަހެއްނެތްކަމަށެވެ.