ބެލެނިވެރީން ފަޚުރުވެރިވާނެ މަތީ ނަތީޖާތަކެއް ޙާޞިލްކުރެވޭނެ ހުރިހާ އަމާޒަކަށް ވާޞިލުވުމަށް ސަރުކާރުން ހިންމަތް ކުރާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފެށުނު ދިރާސީ އަހަރު 2025 ފެށުމުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ޚިޠާބުގައި، ދަރީންނަށް ތަޢުލީމު ދިނުމަކީ ޤައުމުގެ މުސްތަޤްބަލަށްޓަކައި ކުރެވޭ އެންމެ އަގުހުރި އިންވެސްޓްމަންޓް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި އުނގަންނައިދިނުމަކީ، ދީނީ، ޤައުމީ، އިޖުތިމާޢީ އަދި އިންސާނީ ވާޖިބެއްކަން ފާހަގަކުރަށްވާފައެވެ.

Ad
rt

ރައީސް ވިދާޅުވެފައިވާ ގޮތުގައި ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީ އިތުރުކުރުމަށްޓަކައި ސަރުކާރުން ދަނީ ހުއްޓުމެއް ނެތި މަސައްކަތްކުރަމުންނެވެ. މިގޮތުން ވަސީލަތްތަކާ ޖާގައިގެ ގޮތުން ފަހި ސްކޫލް މާޙައުލުތައް ޤާއިމުކޮށްދީ، ޓީޗަރުންނަށް އިތުރު ތަމްރީނާއި ފުރުޞަތުތައް ހޯދައިދީ، ތަޢުލީމީ ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށްވެސް ރަނގަޅު މަގުތައް ފަހިކޮށްދިނުމަށް ގަދައަޅާ މަސައްކަތް ކުރަށްވަމުން ގެންދަވާކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

''އިރާދަކުރެއްވިއްޔާ، ވަސީލަތްތަކާއި ޖާގައިގެ ގޮތުން ފަހި ސްކޫލް މާޙައުލުތައް ޤާއިމުކޮށްދީ، ޓީޗަރުންނަށް އިތުރު ތަމްރީނާއި ފުރުޞަތުތައް ހޯދައިދީ، ތަޢުލީމީ ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށްވެސް ރަނގަޅު މަގުތައް ފަހިކޮށްދީ، ބެލެނިވެރީން ފަޚުރުވެރިވާނެ މަތީ ނަތީޖާތަކެއް ހާސިލުކުރެވޭނެ ހުރިހާ އަމާޒަކަށް ވާޞިލުވުމަށް ސަރުކާރުން ހިންމަތް ކުރާނަން'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކުރިއަށްއޮތް ދުވަސްތަކުގައިވެސް އެއްވެސް ރަށެއްގައި ހުރި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ ތަޢުލީމު ދިނުމުގެ ޙައްޤު ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ މަތީ މިންވަރަކަށް މަސައްކަތްކުރަމުން ގެންދާނެ ކަމަށެވެ.

ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވަނީ، މި ފެށުނު ދިރާސީ އައު އަހަރު، ރައްޔިތުން އެއް ރޫޙެއްގައި ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީއަށް މަސައްކަތްކޮށްދެއްވުން އެދެން. ޤައުމީ ނިސްބަތުގައި އަދި ދުނިޔޭގެ ނިސްބަތުގައިވެސް ކުދީން ޙާޞިލްކުރާ ނަތީޖާ އިތުރަށް ރަނގަޅުކޮށް، ކުދީންގެ ހުނަރުތައް ތަރައްޤީކުރުމުގައި އެއްބާރުލުން ދެއްވުމަށް އިލްތިމާސްކުރަށްވާފައެވެ.

''ހީވާގި މުދައްރިސުންނަށާއި، ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރީންނަށް އަޅުގަނޑުގެ އިލްތިމާސަކީ ކަމަށްކަމޭ ހީކުރެއްވުމާއެކު، އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްދެއްވުމެވެ. ބެލެނިވެރީންގެ އަރިހުން އަޅުގަނޑު އެދެނީ، އަޅުގަނޑުމެންގެ ލޮލުގެ ނޫރު ފަދަ ލޮބުވެތި ދަރީންނަށް ރަނގަޅު ތަޢުލީމާއެކު ހަރުދަނާ ތަރުބިއްޔަތެއް ދެއްވުމުގައި އެންމެ ހިނދުކޮޅެއްވެސް ފަރުވާކުޑަ ނުކުރެއްވުމެވެ. ލޮބުވެތި ދަރިވަރުންނަށް އަޅުގަނޑުގެ ނަސޭހަތަކީ، ކިޔެވުމަށް ޚާއްޞަކޮށް ޢުމުރުގައި މި ލިބޭ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ބަސްއަހައި ހެޔޮލަފާ ދަރީންތަކެއްކަމުގައި ވުމެވެ.'' ރައީސްގެ ޚިޠާބުގައި ވިދާޅުވެފަވެއެވެ.