އެމެރިކާގެ ރައީސް ޓްރަމްޕްގެ ކުރީގެ އަދި އަލަތު އަނބިކަނބަލުން މެލޭނިއާ ޓްރަމްޕް، ޑޮނަލްޑް ޓްރަމްޕާ ކައިވެނި ކުރެއްވި ދުވަހު ލެއްވި ހެދުން (ވެޑިންގ ޑްރެސް) ނީލަމުގައި ވިއްކާލަން ނެރެފައިވާ ކަމަށް ބުނެ ޚަބަރުތައް ފެތުރިއްޖެއެވެ. މި ހެދުމަކީ ކްރިސްޓިއަން ޑިއޯގެ ފަރާތުން ޖޯން ގެލިއާނޯ ޚާއްޞަކޮށް ފަރުމާކޮށްދެއްވި ހެދުމެކެވެ.

ޕޭޖް ސިކްސްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މި ހެދުމުގެ އަގަކީ 100،000 އެމެރިކާ ޑޮލަރެވެ. އަދި މި ހެދުމުގެ ބަރުދަނަކީ 60 ޕައުންޑެވެ. މިހާރު މި ހެދުން ވިއްކަން ނެރެފައިވަނީ އީބޭގައި ކަމަށާއި، ވިއްކަން ފަށާ އަގަކީ 45،000 އެމެރިކާ ޑޮލަރު ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

Ad
rt

މި ހެދުން ވިއްކަން ނެރެފައިވާ ފަރާތުން ބުނެފައިވާ ގޮތުގައި، އެ ފަރާތުން މި ހެދުން ގަތީ 2010 ވަނަ އަހަރު އެ ފަރާތުގެ ކައިވެނީގައި ލުމަށް ކަމަށާއި، އޭރު މި ހެދުމުގެ އަގަކީ 70،000 އެމެރިކާ ޑޮލަރެވެ.

މެލޭނިއާ ޓްރަމްޕް މި ހެދުން ލައްވައިގެން ހުންނެވި ފޮޓޯއެއް 2005 ވަނަ އަހަރުގެ ފެބްރުއަރީ މަހު ވޯގް މަޖައްލާގެ ފުރަތަމަ ސަފުހާގައި ޖަހާފައިވެއެވެ. މާރިއޯ ޓެސްޓީނޯ ނެންގެވި މި ފޮޓޯގައި މެލޭނިއާ ހުންނެވީ ސްޓްރެޕްލެސް އައިވަރީ ކުލައިގެ ޑުޗެސް ސެޓިން ހެދުމެއްގައެވެ. މި ހެދުމުގައި ސްވަރޮވްސްކީ ކްރިސްޓަލް ޖަހާފައިވާ ކަމަށާއި، މި ހެދުން ފަހަން 500 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވި ކަމަށް ވެސް ބުނެފައިވެއެވެ. އަދި މި ހެދުމުގެ ޓްރެއިންގެ ދިގުމިނަކީ 13 ފޫޓު ކަމަށް ވެސް ބުނެފައިވެއެވެ.

ނަމަވެސް، މިހާރު ވިއްކަން ނެރެފައިވާ ހެދުމަކީ މެލޭނިއާ ލެއްވި ހެދުމާ ތަފާތު ހެދުމެއް ކަމަށް ފެންނަ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ. މިހާރު ވިއްކަން ނެރެފައިވާ ހެދުމުގައި ކުރިން ނެތް ސްޓްރެޕްތަކެއް އިތުރުކޮށްފައިވާ ކަމަށާއި، ހެދުމުގެ މަތީ ބައިގައި ގަސްގަހާގެހީގެ ކުރެހުންތަކެއް ވެސް އިތުރުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.