ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި 10 ބިދޭސީން ހައްޔަރުކޮށްފިއެވެ.
މި ބިދޭސީން ހައްޔަރުކޮށްފައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން 21 މާރިޗު 2025 ވަނަ ދުވަހުގެ ދަންވަރު ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި މި އޮޕަރޭޝަންގައި މާލެ ސަރަހައްދުން ބޯޓެއް ވަނީ ބަލައި ފާސްކޮށްފައެވެ. މި ބޯޓުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 7 ކިލޯއަށްވުރެ ގިނަ ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި އިންޑޮނޭޝިއާގެ ތިން ރައްޔިތުންނާއި އިންޑިއާގެ ހަތް ރައްޔިތުން ހިމެނެއެވެ.
އިންޑޮނޭޝިއާގެ ރައްޔިތުންނަކީ ނަސްވަން އާދިލް (30އ)، އެޑްރިއަންސަޔާ (25އ) އަދި މުޙައްމަދު އިޤްބާލް މަކްރޫމް (30އ) އެވެ.
އިންޑިއާގެ ރައްޔިތުންނަކީ ޕްރަބާކަރަން ނަގަރާޖަން (35އ)، ރޯމަންސް ސަންތިޔާ ފެނާންޑޯ (58އ)، ގަނޭޝް ބޮމްމާލީ (22އ)، ޑަތުކިލޭ ދަރްޝަން ވިޖޭ (22އ)، ޕީޓާ ވިނީ (28އ)، ސަރަން ޕަދްމަން (28އ) އަދި ގޯސިކް ރާޖް ޖޭމްސް ނޮކްސް (30އ) އެވެ.
ފުލުހުން ބުނިގޮތުގައި ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފަސް މީހަކު ފަސް ދުވަހަށް އަދި ފަސް މީހަކު އެއް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އެއް ދުވަހަށް ބަންދުކުރެވުނު މީހުންގެ ބަންދު އިތުރުކުރުމަށް އަލުން ކޯޓަށް ހާޒިރުކުރުމުން، އެކަކަށް އިތުރު ތިން ދުވަހަށް އަދި ހަތަރު މީހަކަށް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިން ގޮތުގައި، މި މައްސަލައިގެ ތަޙުޤީޤު މިހާރު ދަނީ ކުރިއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!