ޔޫރަޕިއަން ޔޫނިއަންގެ ޤަވާޢިދުތަކާ ޚިލާފުވުމުގެ ދަޢުވާ ގޫގުލް އަދި އެޕަލްއާ ދެކޮޅަށް ކޮށްފިއެވެ.

ބުރާސްފަތި ދުވަހު ޔޫރަޕިއަން ކޮމިޝަނުން ހާމަކުރި ގޮތުގައި، ޓެކްނޮލޮޖީ ދާއިރާގެ އެންމެ ބޮޑެތި ދެ ކުންފުނި ކަމަށްވާ ގޫގުލް އަދި އެޕަލްއާ މެދު ޔޫރަޕިއަން ޔޫނިއަންގެ ޤަވާޢިދުތަކާ ޚިލާފުވުމުގެ ދަޢުވާ ކޮށްފައިވާއިރު، އެޕަލްއަށް އެ ކުންފުނީގެ އައިފޯނާއި އައިޕެޑްތަކާ އެހެން ކުންފުނިތަކުގެ އެޕްލިކޭޝަންތައް ގުޅުވުމަށް މަގުފަހިކޮށްދިނުމަށް އަމުރުކޮށްފައިވެއެވެ.

Ad
rt

މި ދަޢުވާތައް ކުރެވިފައިވަނީ ޔޫރަޕިއަން ޔޫނިއަންގެ ޑިޖިޓަލް މާކެޓްސް އެކްޓް (ޑީއެމްއޭ) އާ ޚިލާފުވެފައިވާކަމަށް ބެލެވޭތީއެވެ. މި ޤާނޫނަކީ ޓެކްނޮލޮޖީ ދާއިރާގެ ބޮޑެތި ކުންފުނިތަކުގެ ބާރު ކޮންޓްރޯލް ކުރުމަށް އެކުލަވާލެވިފައިވާ ޤާނޫނެކެވެ.

ގޫގުލްއާ މެދު ކުރެވުނު ދަޢުވާތަކުގެ ތެރޭގައި، އެޕް ޑެވެލޮޕަރުންނަށް ގޫގުލް ޕްލޭގެ ބޭރުން ލިބެންހުރި އޮފަރތަކުގެ މަޢުލޫމާތު ބޭނުންކުރާ ފަރާތްތަކަށް ދިނުން ހުއްޓުވާކަމަށް ބެލެވޭ މައްސަލައާއި، ގޫގުލް ސާރޗްގައި އެ ކުންފުނީގެ އަމިއްލަ ޚިދުމަތްތަކަށް އިސްކަންދޭކަމަށް ބެލެވޭ މައްސަލަ ހިމެނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ކުންފުނިތަކަށް ޖޫރިމަނާ ކުރާ ޤައުމުތަކަށް ޓެރިފް ކަނޑައަޅާނެކަމަށް ބުނެފައިވީ ނަމަވެސް، ޔޫރަޕިއަން ކޮމިޝަނުން މި ފިޔަވަޅުތައް އަޅާފައިވަނީ އެ ބުނުމަށް އަހަމިއްޔަތުކަމެއް ނުދީއެވެ.

މި މައްސަލަތަކާ ގުޅިގެން ގޫގުލް އަދި އެޕަލްއިން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް މި ދެ ކުންފުނިން ކުރިންވެސް ބުނެފައިވަނީ އެ ކުންފުނިތަކުން ޔޫރަޕިއަން ޔޫނިއަންގެ ޤަވާޢިދުތަކަށް ފުރިހަމައަށް ތަބާވަމުންދާ ކަމަށެވެ.