ކުރީގެ ރައީސުން ދަނީ ގުދޯގުދޯ ގޮވަމުން ކަމަށާއި، އެ ރައީސުން ''ކެޔޮ ކޭވަރު އިނގޭނީ ބިތުފަންގި ނެގުމުން'' ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަން ވެސް ކުރަށްވާ މުހައްމަދު މިހެން ވިދާޅުވީ އެކްސްއަށް ދޫކޮށްލެއްވި ''ހޫނު'' ޕޯސްޓެއްގައެވެ.

Ad
rt

އެ ޕޯސްޓްގައި މުހައްމަދު ވިދާޅުވީ، ދިވެހިރާއްޖެ 2008 ވަނަ އަހަރު ޑިމޮކްރަސީ ބަލައިންގަނެ ވެރިކަމުގެ 5 އަހަރު ދައުރު ފުރިހަމަކޮށްފައިވާ ބައެއް ކުރީގެ ރައީސުން މިއަދު ގޭ ތެރޭގަޔާއި، ޖަގަހަ ތަކުގައި އަދި ސިޔާސީ ޕޯޑިޔަމް ތަކުގައި ހަޑިމުޑުދާރު ދެކޮޅުނުޖެހޭ ވާހަކަތައް ދައްކަވަމުން އަންނަކަމަށެވެ. އަދި އެ ވާހަކަތައް އަޑުއަމުންދާ ދިވެހިރައްޔިތުންނަކީ މޮޔައިންކަމަށް އެ ރައީސުން ހީފުޅުކުރަށްވަނީތޯ މުހައްމަދު ވަނީ ސުވާލުކުރަށްވާފައެވެ.

''އިއްޔެ މެންދުރު ތިޔަބޭފުޅުންގެ ވެރިކަންތަކުގައި ބާރުވެރިކަމުގައި ޤައުމާއި ރައްޔިތުންގެ މައްޗައް އޮތްހިނދު، ދިވެހި ޤައުމުގެ ޚަޒާނާއަށާއި ފެހި ގާޞޫނުއަސާސީގެ ދަށުން އުފައްދަފައިހުރި މިނިވަން މުވައްސަސާތަކަށް ތިޔަބޭފުޅުން ހިތުހުރި ބަޔަކު އައްޔަންކޮށް ހިތުހުރި ގޮތަކަށް ކަންކަން ކުރަމުންދިޔާއީ ކޮންގާނޫނަކުން ކޮންގަވާއިދަކުން ބާރުލިބިގެންތޯ؟ ކުރީގެ ރައީސުންނަށްދަންނަވަން ތީގެން ކޮންމެ ރައީސަކު 7 ގުދުއޮވެމެ ތިޔަގޮވަނީ، އިގްތިސޯދޭ، ކަރަޕްޝަނޭ، ސުޕްރީމް ކޯޓޭ، ޖުޑިޝަރީއޭ، އޭސީސީއޭ، މިނިވަން މުވައްސަސާތަކޭ، ސިޔާދަތޭ، މިނިވަންކަމޭ، އޭރު ދަންނަވަންތޯ އެންމެންމެ ތިބެނީ ބިރުންސިހިސިހި'' މުހައްމަދު ވިދާޅުވެފަވެއެވެ.

މުހައްމަދު ވިދާޅުވީ، ރަނގަޅަށް ތަނެއްގައި ހަމަޖެހިވަޑައިގެން އިންނަވާ އެ ރައީސެއްގެ ދައުރުގައި، އެ ރައީސެއްގެ ބައިވެރިވުމާއެކު ހިންގަވާފައި ހުރި ޚިޔާނާތާއި، މިނިވަން މުވައްސަސާތަކަށް ނުފޫޒު ފޯރުވައިގެން ކުރަށްވާފައިހުރި ކަންކަމާމެދު ވިސްނާވަޑައިގަންނަން ފެންނަ ކަމަށެވެ.

''ދަންވަންތޯ ރީތިކޮން ތަނެއްގެ ހަމަޖެހިލައިގެން އިންނަވާ ވިސްނަވާލައްވަންފެނޭ ތިޔަބޭފުޅުންގެ ދައުރުގައި ތިޔަބޭފުޅުން އިންވޯލްވެގެން ހިންގާފަހުރި ކަރަޕްސަންތަކާއި، އެހެނިހެން ގޮތްގޮތުން ހިންގާފަހުރި ކަރަޕްސަންތަކާއި މެދުގަޔާއި، އަދި ތިޔަބޭފުޅުން ކޯޓްތަކަށާއި ޖުޑިޝަރީއަށް ނުފޫޒް ފޯރުވާފަހުރިވަރާއި، އޭސީސީއަށް ނުފޫޒު ފޯރުވާފަހުރިވަރާއި، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ކޮންޕުރަމައިޒް ކޮއްގެން ކޮއްފަހުރިކަންކަމާމެދު'' މުހައްމަދު އިތުރަށް ވިދާޅުވެފަވެއެވެ.

އޭނާ ނިންމަވާލަށްވަމުން ވިދާޅުވެފައި ވަނީ ''ކޮޔޮކޭވަރު އިނގޭނީ ބިތުފަންގިނެގީމައި'' ކަމަށެވެ.