ވިލާ ކުންފުނީގެ ދަށުން ހިންގާ ރޯޔަލް އަައިލެންޑް ރިސޯޓްގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި، މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ބައްދަލުކުރަށްވައި ސިއްރު ރޭވުމެއް ރޭއްވެވިކަމަށް ބުނެ އޮންލައިން ނޫހެއްގައި ޝާޢިއުކޮށްފައިވާ ޚަބަރު، ވިލާ ކުންފުނީގެ ޗެއާމަން ޤާސިމް އިބްރާހީމް ދޮގުކުރަށްވައިފިއެވެ.

އެ ޚަބަރު ދޮގުކުރަށްވައި، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރަށްވާ ޤާސިމް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 5 މާރިޗް 2025 ދުވަހުގެ ''ދިޔަވަރު.ކޮމް'' ނަމުގައި ހިންގާ އޮންލައިންނޫހެއްގައި، ރޯޔަލް އައިލެންޑުގައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، މަޖިލީސް ނާއިބު ރައީސް އަޙްމަދު ނާޒިމް ސުޕްރީމްކޯޓު ފަނޑިޔާރުންނާއި ދެކޮޅަށް ރޭވި ސިއްރު ރޭވުން ނަމުގައި، ޢަޒީޒު ޢާމިރު ނަމުގައި ލިޔެފައިވާ އާޓިކަލަކީ އެއްވެސް ހަޤީޤަތެއް ނެތް ބުހުތާނު ވާހަކަތަކެއްކަމަށެވެ. އަދި މިފަދަ ލިޔުންތައް ލިޔެ ޝާއިއުކުރާ މީހުންނަކީ މިފަދަ ދޮގު ޚަބަރު ފެތުރުމުގައި ހުރި ނުބައިކަމާއި، ފާފަވެރިކަން އިނގިތިބެ، މުޖުތަމަޢު ފަސާދަ ކުރުމުގެ ބޭނުމުގައި މިފަދަ ޢަމަލުތަައް ތަކުރާރު ކޮށް ކުރާ މީހުންކަމަށް ޤާސިމް ވިދާޅުވެފަވެއެވެ.

Ad
rt

''މި އާޓިކަލްގައި ހަޤީޤަތް ނެތް މިންވަރުގެ ފުރިހަމަ އެއް މިސާލަކީ، 2025 ވަނަ އަހަރު ޖަނަވަރީ މަހު، މާލެއިން ރޯޔަލް އައިލެންޑަށް އަޙްމަދު ނާޒިމް ( މަޖިލިސް ނައިބު ރައީސް ) ވަޑައިގެން އަޅުގަނޑާއި، އުއްތަމަ ފަނޑިޔާރާއި، މުހައްމަދު ޝިހާބު ރޯޔަލް އައިލަންޑުގައި ބައްދަލު ކުރިކަމަށްލިޔެފައި ވުމެވެ. އަޅުގަނޑުގެ ކުންފުނިން ހިންގާ ރިސޯޓެއް ނަމަވެސް އަޅުގަނޑު ރޯޔަލް އައިލެންޑް އަށް ނުދާތާވެސް މިހާރު 3 އަހަރު ވެދާނެއެވެ. އެންމެ ފަހުން އަޅުގަނޑު ރޯޔަލް އައިލަންޑް އަށް ގޮސްފައިވާނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހު އޮތް ށ އަތޮޅު ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައިއިލެކްޝަން ގައި ށ ކޮމަންޑޫ ދާއިރާއަށް ކުރި ދަތުރުގެ ތެރޭގައެވެ.'' ޤާސިމް ވިދާޅުވެފަވެއެވެ.

ޤާސިމް ވިދާޅުވީ، އެ އާޓިކަލްގައި ބަޔާންކޮށްފައިވާ މުޙަައްމަދު ޝިހާބުވެސް އަދި މިހާރުގެ އުއްތަމަ ފަނޑިޔާރުވެސް ރޯޔަލް އައިލަންޑް ރިސޯޓަށް 2024 އަދި ހިނގަމުން މިދާ 2025 ވަނަ އަހަރުގެ މިހިސާބަށް އެ ރިސޯޓަށް އެއްވެސް ބޭނުމަކު ވަޑައިގެންފައެއް ނުވާކަމަށެވެ.

''އެހެންކަމުން، އަޅުގަނޑާއި، މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ޝިހާބާއި އެމަނިކުފާނުގެ އާއިލީ ބޭފުޅެއްކަމުގައިވާ މިހާރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އާއި، މިހާރުގެ މަޖިލީގުގެ ނާއިބު ރައީސް އަޙްމަދު ނާޒިމު އާއި ގުޅުވައި ގެން ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް އެއްވެސް ހަޤީޤަތެއް ނެތި ސިޔާސީ ބޭނުމުގައި ވަކި ބަޔަކު އޮންލައިން ނޫސްތަކުގައި ފަތުރާ އަދި ފަތުރަމުން ދާ މިފަދަ ދޮގު ވާހަކަތައް ހުއްޓުވައި ދިނުމަށް ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑު ގޮވާލަމެވެ.'' ޤާސިމް ވިދާޅުވެފަވެއެވެ.

ޤާސިމް ވިދާޅުވެފައިވާ ގޮތުގައި، ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ، ހަޤީޤަތެއް ނެތް ދޮގުވާހަކަ ފަތުރާ ސިޔާސީ މަޤްޞަދުތައް ހާސިލް ކުރުމުގެ ބޭނުމުގައި މުޖުތަމަޢު ފަސާދަ ކުރުމަށްއޮތް ލައިސަންސެއް
ކަމަށް ދެކި، މިފަދަ ޢަމަލު ތައް ތަކުރާރު ކުރާފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅިގެން ނޫނީ މިފަދަ ކަންކަން ހުއްޓުމަކަށް ނާންނާނެއެވެ.