ކޮލިޓީ މައްސަލައެއް ފާހަގަކުރެވިގެން "އެރިސްޓޯ ޕެންޓޮޕް" ނަމަކަށް ކިޔާ 40 އެމްޖީގެ އިންޖެކްޝަނެއްގެ ވަކި ބެޗެއް ރާއްޖޭގައި މަނާކޮށްފިއެވެ.

މިކަން އަންގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު މެސެޖުގައި ވާގޮތުން، މަނާކުރެވުނު ބެޗަކީ EMPH243030 އެވެ. މި ބެޗްގެ އިންޖެކްޝަން ރާއްޖެ އެތެރެކުރުމާއި ވިއްކުން ވަނީ މަނާކޮށްފައެވެ.

Ad
rt

އެ އޮތޯރިޓީން އިތުރަށް ބުނެފައިވަނީ، ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް މި ބެޗްގެ ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރާ ކަމަށެވެ.

މީގެއިތުރުން، ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތައް، ބޭސް އިމްޕޯޓުކޮށް ވިއްކާ ފަރާތްތަކަށް އަންގާފައިވާކަން ވެސް އެމްއެފްޑީއޭއިން ފާހަގަކޮށްފައިވެއެވެ.

މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންނަމަ އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 7230021 އަށް ގުޅުމަށް އެ އިދާރާއިން އެދެއެވެ.