ޣައްޒާއަށް އިންސާނީ އެހީގެ ތަކެތި ވަނުން އިސްރާއީލުން ހުއްޓުވުމުން ޔޫރަޕްގެ ބޮޑެތި ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފްރާންސް، ޖަރުމަނު އަދި އިނގިރޭސި ވިލާތް ހިމެނޭ (އީ3) އިން ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހި، ވާހަކަދައްކައިގެން ފެށުމަށް ދެފަރާތަށްވެސް ގޮވާލައިފައެވެ.

Ad
rt

ފްރާންސް، ޖަރުމަނު އަދި ޔޫކޭގެ ޚާރިޖީ ވަޒީރުންގެ ބަޔާނެއްގައި ބުނެފައިވަނީ "ހަމަޖެހުން ދެމެހެއްޓުމާއި، ހުރިހާ ރަހީނުން ދޫކޮށްލުމާއި، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން ކަށަވަރުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މިސުރު، ގަތަރު އަދި އެމެރިކާ މެދުވެރިވެގެން ހަމަޖެހުމުގެ އެއްބަސްވުން އިތުރުކުރުމަށް މަސައްކަތްކުރާތީ މި ތިން ޤައުމުން މަރުޙަބާ ކިޔާފައިވެއެވެ.

އީ3 ޤައުމުތަކުން ވަނީ ޣައްޒާގެ އިންސާނީ ހާލަތު "ނުރައްކާތެރި" މިންވަރަށް ދަށަށް ގޮސްފައިވާކަމަށް ބުނެފައެވެ.

"އިސްރާއީލު ސަރުކާރުން އެޤައުމުގެ ބައިނަލްއަޤްވާމީ ޒިންމާތަކާ އެއްގޮތަށް ޣައްޒާގެ އާބާދީއަށް އިންސާނީ އެހީތައް ފޯރުކޮށްދިނުމަށް ފުރިހަމައަށް، އަވަހަށް، ރައްކާތެރިކަމާއެކު އަދި ހުރަހެއްނެތި ކަށަވަރުކުރުމަށް އަޅުގަނޑުމެން ގޮވާލަން" މި ތިން ޤައުމުގެ ބަޔާނުގައި ބުނެފައިވެއެވެ.

ޣައްޒާއަށް ވަންނަ މުދަލާއި ތަކެތި ހުއްޓުވާލުމުން "ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ ޚިލާފުވެދާނެކަމުގެ" އިންޒާރުވެސް މި ޤައުމުތަކުން ދީފައިވެއެވެ.

ހަމާސްއާއި އިސްރާއީލާ ދެމެދު ހަނގުރާމަ ހުއްޓާލުމާއި ރަހީނުން ބަދަލުކުރުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ނިމުމަށްފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އިސްރާއީލުން ވަނީ ޣައްޒާއަށް ވަންނަ އެހީގެ ޝިޕްމަންޓްތައް ހުއްޓުވާލައިފައެވެ.