ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ދެއްވައިފިއެވެ.

ފަހުމީ މިފަދައިން ވިދާޅުވެފައިވަނީ، ކައިރި ކައިރީގައި ދެ ބިލު ފޮނުވުމާ ގުޅިގެން ދެކެވެމުންދާ ވާހަކަތައް އޮޅުންފިލުވައިދިނުމުގެ ގޮތުން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ. ފަހުމީ ވިދާޅުވި ގޮތުގައި ސްޓެލްކޯއަކީ 75 އަހަރުގެ ގައުމީ ޚިދުމަތުގެ ރެކޯޑެއް އޮތް ކުންފުންޏެކެވެ.

Ad
rt

"ސްޓެލްކޯއިން އެއްވެސް ކަމެއް ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން. ގާތްގާތުގައި ދެ ބިލެއް ފޮނުވާ ވާހަކައަކީ މީޑިއާތައް މެދުވެރިކޮށް މީގެ ކުރިން އަޅުގަނޑުމެން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ދައްކާފައި އޮތް ވާހަކައެއް. އެއީ ކަސްޓަމަރުންގެ ފައިދާއަށްޓަކައި ނިންމި ނިންމުމެއް،" ފަހުމީ ވިދާޅުވިއެވެ.

ފަހުމީ އިތުރަށް ވިދާޅުވި ގޮތުގައި މި ފޮނުވާފައިވާ ބިލަކީ ކުރީގެ ބިލިންގ ސައިކަލްގައި ހިމެނޭ ރީޑިންގ ނެގުމަށްފަހު ބިލް ޑެލިވަރީގައި އުޅޭ 20 ނުވަތަ 25 ދުވަހުގެ ލަސްވުމުގެ ބެކްލޮގް ފިލުވާލުމަށް ފޮނުވާ ބިލެކެވެ. އަދި ކަސްޓަމަރުންނަށް ކުރިމަތިވެދާނެ މާލީ ދަތިކަން ފިލުވުމަށްޓަކައި ޖޫރިމަނާ ނާރާގޮތަށް މި ބިލް ދެއްކުމަށް 30 ދުވަހުގެ މުއްދަތެއްވެސް ދެވިފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

މީގެ އިތުރުން، ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން އެއް ބިލެއްގެ ގޮތުގައި މުޅި ރޯދަ މަހުގެ ބޭނުންކުރުމަށް ބިލެއް ތައްޔާރުކޮށް، ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓް އެ ބިލްގައި ހިމެނުމަކީވެސް މި ބިލް ފޮނުވުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ފަހުމީ ވިދާޅުވިއެވެ.

"މި ބެކްލޮގް ފިލުވާލެވުމާއެކު އެޕްރީލް މަހުން ފެށިގެން އެމަހެއްގެ ފަހު ހަފްތާގައި ރީޑިންގ ނެގުމަށްފަހު ޖެހިގެން އަންނަ ދުވަހު އެ ބިލް ޑެލިވަރ ކުރުމުގެ ސަބަބުން ކަސްޓަމަރުންނަށް އެ ބިލްގައިވާ ރީޑިންގ އާއި މީޓަރާއި އަޅާ ކިއުމުގެ ފުރުސަތު ލިބި ކަސްޓަމަރުންގެ އިތުބާރު ސްޓެލްކޯއަށް ބޮޑުވެގެންދާނެ،" ފަހުމީ ވިދާޅުވިއެވެ.

މި ބަދަލާ ގުޅިގެން ރައްޔިތުންގެ މެދުގައި ދެކެވެމުންދާ ވާހަކަތަކަށް ޖަވާބު ދެއްވަމުން، ފަހުމީ ވިދާޅުވީ މިއީ އެއް ބޭނުންކުރުމަކަށް ކުރާ ދެ ބިލެއް ނޫން ކަމަށެވެ. އަދި ބިލްތަކުގެ ރީޑިންގ ނެގި ތާރީޚުތައް ބިލުން ފެންނަން ހުންނާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސްޓެލްކޯގެ މި ނިންމުމަކީ ކަސްޓަމަރުންނަށް ފައިދާހުރި ގޮތަކަށް ނިންމާފައިވާ ނިންމުމެއްކަން ފަހުމީ އިތުރަށް ވިދާޅުވިއެވެ. ޚާއްޞަކޮށް ރޯދަމަހަށް ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓްގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ލިބިދިނުމަށް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.