ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ލަންކާއަށް ކުރައްވާ ރަސްމީ ދަތުރާ ގުޅިގެން، އެ ގައުމުގައި ދިރިއުޅޭ މީހަކު އިންޒާރު ދިން މައްސަލައެއް ބަލަން ފަށައިފިއެވެ.
އިންޒާރުދިން މައްސަލައެއް ފެންމަތިވެފައިވީ ނަމަވެސް މިނިސްޓަރ ހަލީލް މިވަގުތު ހުންނެވީ ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ގައުމުގެ ވެރިރަށް ކޮލޮމްބޯގައެވެ.
މިނިސްޓަރު ހަލީލް ލަންކާ ދަތުރު ފެއްޓެވި ދުވަހުން ފެށިގެން ޝޯޝަލް މިޑީއާގައި "ނަދީޝް ޕެރޭރާ" ކިޔާ އައިޑީއަކުން ވަނީ އެތައް ފަހަރެއްގެ މަތިން ތަކުރާރުކޮށް އިންޒާރުދީފައެވެ.
"ހަލީލު ހުންނަވާ ހޮޓަލުގައި ރޫމް ބޯއި ނުވަތަ ވެއިޓަރުގެ ސިފާގައިވެސް މަރު ގޮސްދާނެ" އެ މީހާގެ ޕޯސްޓެއްގައި ބުނެފައިވެއެވެ. އަދި އިތުރު ޕޯސްޓެއްގައި ބުނެފައިވަނީ ލަންކާގައި މިނިސްޓަރު ދުއްވާ ކާރު އެކްސިޑެންޓުވެދާނެ ކަމަށް ބުނެ ކާރުގެ ޑްރައިވަރަށް ސަމާލުމުމަށް ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނަދީޝްއަކީ ދިވެހި އަންހެނަކާއި ކައިވެނި ކޮށްގެން 10 އަހަރު ރާއްޖޭގައި އުޅުނު ލަންކާ މީހެކެވެ. އެ ކައިވެންޏަށް ދަރިއަކު ވެސް ހުންނަކަމަށްވެއެވެ.
ނަދީޝް އަކީ ގެވެށި އަނިޔާގެ މައްސަލައަކާއި ގުޅިގެން ރާއްޖެއިން ޑީޕޯޓް ކޮށްލާފައިވާ މީހެކެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މިކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ ގުޅުންހުރި އިދާރާތަކާއި ގުޅިގެން އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!