ހަނިމާދޫއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުނުކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، އެ އިދާރާގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހަނިމާދޫއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުނުކަމުގެ ތުހުމަތުގައި އެރަށުގައި ހިންގި އޮޕަރޭޝަނެއްގައި ހަތަރު މީހަކުހައްޔަރުކޮށްފައިވާ ކަމަށެވެ.

Ad
rt

ފުލުހުން ބުނެފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ / މޯނިންގސަން، ފާޠިމަތު ޝާޙާ ޙަސަން (20އ) އާއި ކ. ގުރައިދޫ / ނަލަވާ، ޙުސައިން ޝާވިން (22އ) އާއި ސ. ފޭދޫ / ރަތްވިލާގެ، މުޙައްމަދު ރިޟުވާނު ޢަބްދުއްސައްތާރު (22އ) އަދި ދ. ކުޑަހުވަދޫ / މާހިލް، އަރްސަމް ޢަލީ ވަޙީދު (28އ) އެވެ.

ކުޅުދުއްފުށި ސިޓީ ޕޮލިހާއި ހަނިމާދޫ ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހަނިމާދޫ އެއަރޕޯޓުން އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 13.85 ގުރާމެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހުން ވެސް 30 ދުވަހަުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ.