ސްޕެނިޝް ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލަން ލިބުނު ފުރުސަތުގެ ބޭނުން ބާސެލޯނާއިން ވަރަށް ފުރިހަމައަށް ހިފައިފިއެވެ.

ރޭ ރަޔޯ ވަޔެކާނޯއާއި ދެކޮޅަށް ބާސާ ނުކުތުމުގެ ކުރިން އެ ޓީމް އޮތީ ޕޮއިންޓް ތާވަލުގެ ތިންވަނާގައެވެ. ނަމަވެސް ތާވަލުގެ އެއްވަނާގައި އޮތް ރެއާލް މެޑްރިޑާއި ދެވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުތަކުން އެއްވަރުވެ މުހިންމު ޕޮއިންޓްތައް ގެއްލުމުން ރޭ މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު އޮތީ ބާސާއަށް ހުޅުވިފައެވެ.

Ad
rt

ރޭ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ބާސާއަށް ވަނީ 24 މެޗުން 51 ޕޮއިންޓް ލިބިފައެވެ. ދެވަނާގައި އޮތް ރެއާލަށް ވެސް މި އަދަދަށް ވަނީ ޕޮއިންޓް ލިބިފައެވެ. ނަމަވެސް ބާސާއަށް އެއްވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ތިންވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 24 މެޗުން ލިބިފައިވަނީ 50 ޕޮއިންޓެވެ.

ރޭ އަމިއްލަ ދަނޑުގައި ބާސާއިން ވަޔެކާނޯގެ މައްޗަށް ކުރިހޯދީ 1-0 ގެ ނަތީޖާއިންނެވެ.

މެޗުގެ ހަމައެކަނި ލަނޑު 28 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ލެވަންޑޯސްކީއެވެ. މިއީ ބާސާއަށް ލިބުނު ކޯނަރެއްގައި އޭރިއާ ތެރެއިން ވަޔެކާނޯގެ ޕަތޭ ސިސް ބާސާގެ އިނީގޯ މާޓިނޭޒް ގައިގައި ހިފެހެއްޓުމުން ވީއޭއާރުން ބެލުމަށް ފަހު ދީފައިވާ ޕެނަލްޓީއެކެވެ.

ރޭ މެޗަލީ ބާސާގެ ތަރި ލެމީން ޔަމާލް ސީނިއާ ކެރިއާގައި ކުޅުނު 100 ވަނަ މެޗެވެ. ފުރަތަމަ ހާފުގައި އޭނާއަށް ވެސް ލަނޑުޖަހާނެ ހުސް ފުރުސަތެއް ލިބުނެވެ. އޭނާ ފޮނުވާލި ހަމަލާ ވަޔެކާނޯގެ ކީޕަރު ވަނީ ދެފަހަރެއްގެ މަތީން މަތަކޮށްފައެވެ. ފުރަތަމަ ހާފުގައި ބާސާއަށް އިތުރު ލަނޑެއް ޖަހަން ރަފީނިއާއަށް ލިބުނު ދެ ފުރުސަތަށް ވެސް ހުރަސްއެޅީ ރޭ މެޗުގައި މޮޅަށް ކުޅުނު ވަޔެކާނޯގެ ކީޕަރެވެ.