ދެ އަހަރުގެ ކުށްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށުގައި 25 އަހަރުގެ ހުކުމް ތަންފީޒުކުރަމުންދިޔަ ކާފަ މަރުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަންސް ސާވިސް އިން މިއަދު ބުނީ ހުޅުމާލޭ ޖަލުގައި 25 އަހަރުގެ ޙުކުމް ތަންފީޛުކުރަމުން ދިޔަ ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހިމް ދީދީ (67 އަހަރު) ރޭ ދަންވަރު ކުއްލި ގޮތަކަށް މަރުވެފައިވާ ކަމަށެވެ.
ކަރެކްޝަންސް އިން މައުލޫމާތު ދިން ގޮތުގައި ހައި ބަލްޑް ޕްރެޝަރ، ކޮލެސްޓްރޯލް އަދި ޓްރެމަރސް، ފަދަ ބަލިތަކަށް ބޭސްކުރަމުން އައި، އިބްރާހިމް ދީދީ ރޭ ހޭލާ އުޅެނިކޮށް ކުއްލިއަކަށް ވެއްޓުނީއެވެ. އެހެންވެ މެޑިކަލް ޓީމްއިން ބަލައި، އަވަސް ފަރުވާ ދިނުމުންވެސް ހަރަކާތް ނުކުރާތީ، އޭނާ ވަނީ އެމަޖެންސީ ޙާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައި ކަމަށެވެ.
ފަރުވާ ދިނުމަށްފަހުވެސް ހަރަކާތެއް ނެތުމުން، އޭނާ މަރުވެފައިވާކަމަށް ކަނޑައަޅާފައިވަނީ 2:40 ކަށް ހާއިރު ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
އިބްރާހިމް ދީދީ މަރުވުމާއި ގުޅިގެން ކަރެކްޝަންސް އިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ.
ދެ އަހަރުގެ ކުޑަކުއްޖަކަށް އެ ކުއްޖާގެ މުނިކާފައާއި ކާފަ ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވީ ޖެނުއަރީ 2020 ގައެވެ. އެ މައްސަލައާގައި ގއ. ކަނޑުހުޅުދޫ އަންނާރުމާގޭ، ހަސަން މޫސާ ދީދީ، (85އ) އާއި، ރިހިވެލި އިބްރާހިމް ދީދީ (67އ) އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2022 ވަނަ އަހަރު ތެރޭގައެވެ. އޭގެ ތެރެއިން މުނިކާފަ ވަނީ 9 ސެޕްޓެމްބަރު2023 ގައި ޖަލުގައި މަރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!