ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭއޮފްގައި ޕީއެސްޖީން ފަސޭހަކަމާއިއެކު ބްރެސްޓް ބަލިކުރިއިރު، ހަނިގޮތަކަށް ޕީއެސްވީ ބަލިކޮށް ޔުވެންޓަސް އިން ފުރުސަތު ބޮޑުކޮށްފިއެވެ.
ރޭ ބްރެސްޓްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތީޖާއިންނެވެ.
މި ދެ ޓީމަކީ ވެސް ފްރާންސް ލީގުގައި ވާދަކުރާ ދެ ޓީމެވެ. މި މެޗުގައި ޕީއެސްޖީގެ ފޯވަޑް އުސްމާން ޑެމްބެލޭގެ ފަރާތުންވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.
މި މެޗުގައި ޕީއެސްޖީނަ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ 21 ވަނަ މިނިޓުގައެވެ. މި ލަނޑު އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ޖަހައިދިނީ ވިޓީނިއާއެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން އުސްމާން ޑެމްބެލޭ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. ޕީއެސްޖީ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 66 ވަނަ މިނިޓުގައި ކާމިޔާބު ކޮށްފައިވަނީ ވެސް ޑެމްބެލޭ އެވެ.
މި ދެ ލަނޑާއެކު އޭނާ ވަނީ ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 11 މެޗުގައި ޖުމްލަ 18 ލަނޑު ޖަހާފައެވެ.
ރޭ އަމިއްލަ ދަނޑުގައި ޔުވެންޓަސް އިން ވަނީ 2-1 ގެ ނަތީޖާއިން ނެދަލެންޑްސްގެ ޕީއެސްވީ ބަލިކޮށްފައެވެ.
ފުރަތަމަ ބުރުގެ ކުޅުން ނިމުނުއިރު 20 ވަނައިގައި އޮތް ޔުވެންޓަސް އިން ވަނީ ރޭގެ މެޗުގައި ރަގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އެ ޓީމުގެ ނިކޮލަސް ގޮންޒާލޭޒް އާއި ކެނަން ޔިލްޑިޒްގެ އިތުރުން ލޯނު އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީ އިން އެ ޓީމާއި ގުޅުނު ރަންޑަލް ކޯލޯ މުއާނީގެ ފަރާތުން ފެނުނު ކުޅުން ފާހަގަ ކުރެވެއެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ ޔުވެންޓަސް އިންނެވެ. މި ލަނޑު މެޗުގެ 34 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ވެސްޓޮން މެކްކެނީ އެވެ.
ޔުވެންޓަސް އިން ދެވަނަ ހާފަށް ނިކުތްއިރު އެ ޓީމުގެ ކޯޗު ތިއާގޯ މޮއްޓާ ވަނީ ޔިލްޑިޒްގެ ބަދަލުގައި އެމްބަންގުލާ ކުޅެން އަރުވާފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި ޕީއެސްވީގެ އިވާން ޕެރިސިޗް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ 2020 ވަނަ އަހަރަށްފަހު އޭނާ ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ.
މި މެޗުން ޔުވެންޓަސް މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ސެމުއެލް އެމްބަންގުލާއެވެ. މިއީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!