ކުއްލިއަކަށް މުޅި ސްރީލަންކާއިން ކަރަންޓު ކެނޑިފައިވާ ކަމަށް އެ ޤަައުމުގެ މީޑިއާއިން ބުނެފިއެވެ.

ސިލޯން އިލެކްޓްރިސިޓީ ބޯޑު (ސީއީބީ) އާއި ހަވާލާދީ ލަންކާގެ ބައެއް ނޫސްތަކުން ބުނެފައި ވަނީ މި މައްސަލަ ހައްލުކޮށް، ވީހާވެސް އަވަހަކަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ.

Ad
rt

"މިހާރު މުޅި ލަންކާއިން ކަރަންޓު ކެނޑިފައި މިވަނީ ނޭޝަނަލް ގްރިޑުގައި ހުރި ބެލެންސް ގެއްލިގެން" ކަމަށް އެ ޤައުމުގެ ހަކަތައިގެ ވުޒާރާއިން ބުނެފައިވެއެވެ.

ކަރަންޓު އަނބުރާ ދިނުމުގެ މަސައްކަތް ކުރިއަށްދާތީ، ކެތްތެރިކަމާއެކު ތިބުމަށް އެ ޤައުމުގެ އާންމުންނަށް ސީބީއީ އިލްތިމާސްކޮށްފަވެއެވެ.

ކަރަންޓް ކެނޑުނީ އެ ޤައުމުގެ ޕަނަދުރާ ގްރިޑް ސަބްސްޓޭޝަނާ ޖަނަވާރެއް ޖެހުމުގެ ސަބަބުން ކަމަށް ލަންކާގެ ހަކަތައިގެ ވަޒީރު ޖަޔަކޯޑީ ވިދާޅުވިއެވެ. މި ހާދިސާގެ ސަބަބުން ކަރަންޓުގެ ގްރިޑަށް ބޮޑު އަސަރެއް ކޮށް، މުޅި ޤައުމަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ހުރަސްއެޅުނު ކަމަށް ވަޒީރު ވިދާޅުވެފަވެއެވެ.

ނަމަވެސް، ލަންކާގެ ހަކަތައިގެ ވުޒާރާއިން ފަހުން ބުނެފައި ވަނީ ކަރަންޓް ކެނޑުނީ "ޕަނަދުރާ ސަބްސްޓޭޝަނުގައި ދިމާވި ކުއްލި ހާލަތެއްގެ" ސަބަބުންކަމަށެވެ. އަދި ވަޒީރުގެ ބަޔާން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ވީހާވެސް އަވަހަކަށް ކަރަންޓު އަނބުރާ ގެނައުމަށް ޓީމުތަކުން މަސައްކަތްކުރަމުންދާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ސީއީބީ އިން އަދި މި ކަރަންޓު ކެނޑުނު ސަބަބާ ގުޅޭގޮތުން ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.

މިއަދު ކުއްލިއަކަށް މުޅި ލަންކާއިން ކަރަންޓު ކެނޑުނު ފަހުން، މުޅި ލަންކާއަށް ފުރިހަމައަށް ކަރަންޓު އަނބުރާ ގެނައުމަށް އެތައް ގަޑިއިރެއް ނަގާފާނެ ސީއީބީން ލަފާކޮށްފަވެއެވެ.

ސީއީބީގެ ސިސްޓަމް ކޮންޓްރޯލް ޑިވިޜަނުން ބުނެފައިވާ ގޮތުގައި، ކަރަންޓު އަނބުރާ ދިނުމުގެ މަސައްކަތް މަރުޙަލާތަކަކަށް ބަހާލައިގެން ކުރިއަށްދާއިރު، ބައެއް ސަރަޙައްދުތަކަށް ކަރަންޓު ލިބުން ލަސްވެދާނެއެވެ.