އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކެނެޑާ އަދި މެކްސިކޯއިން އެތެރެކުރާ މުދަލަށް 25 އިންސައްތައިގެ ޓެރިފް ތަޢާރަފުކުރުމަށް ނިންމާފައިވާތީ، އުތުރު އެމެރިކާގެ ކުންފުނިތަކާއި، ވިޔަފާރިވެރިންނާއި ދަނޑުވެރިން އެކަމަށް ތައްޔާރުވަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މި ޓެރިފްތަކުގެ ސަބަބުން އަހަރަކު 1.6 ޓްރިލިއަން ޑޮލަރުގެ ވިޔަފާރިއަށް އަސަރުކުރާނެ ކަމަށް މާހިރުން ލަފާކުރައްވައެވެ.

Ad
rt

ޓްރަމްޕް މި ޓެރިފްތައް ތަޢާރަފުކުރަން ނިންމާފައިވަނީ ކެނެޑާ އަދި މެކްސިކޯއިން އެމެރިކާއަށް ޤާނޫނާ ޚިލާފަށް މީހުން އެތެރެވުމާއި، މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައިފައިވާތީއެވެ. މި ޓެރިފްތައް ތަންފީޒުކުރަން ފަށާނީ ހޮނިހިރު ދުވަހުން ފެށިގެންނެވެ.

މީގެ އިތުރުން، ޗައިނާއިން އެތެރެކުރާ މުދަލަށް އިތުރު 10 އިންސައްތައިގެ ޓެރިފެއް ތަޢާރަފުކުރުމަށްވެސް ޓްރަމްޕް ވިސްނަމުންދާ ކަމަށް ބުރާސްފަތި ދުވަހު ވަނީ ހާމަކޮށްފައެވެ. ނަމަވެސް، މި ޓެރިފްތައް ތަންފީޒުކުރާނެ ގޮތާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ވިޔަފާރި ޖަމްޢިއްޔާތަކުން މަސައްކަތްކުރަމުންދާ ކަމަށް ވެއެވެ.

ޓެރިފްތައް ތަންފީޒުކުރަން ފެށުމުގެ ކުރިން، އެމެރިކާގެ ކަސްޓަމްސް އަދި ބޯޑަރ ޕްރޮޓެކްޝަނުން ދެތިން ހަފްތާގެ މުއްދަތެއް ދޭންޖެހޭނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އަދި ކެނެޑާ އާއި މެކްސިކޯއިން އެތެރެކުރާ ތެލަށް މި ޓެރިފް ތަޢާރަފުކުރާނެތޯ އަދި ނިންމާފައި ނުވާ ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.

ވައިޓް ހައުސްގެ ތަރުޖަމާނެއް ބުނެފައިވާ ގޮތުގައި ހުކުރު ދުވަހު އެއްވެސް ޓެރިފްއަކާ ބެހޭ އިޢުލާނެއް ކުރުމަށް ހަމަޖެހިފައެއް ނުވެއެވެ.