ދިރިއުޅުމުގައި ދިމާވާ ދަތި އުނދަގޫތަކާ ކުރިމަތިލާއިރު ވަރުގަދަކޮށް ދެމިތިބުމުގެ ހުނަރު ދަސްކޮށްދިނުމަށް "ދަ ކޯޗިން ކޯ" އިން މި އަންނަ މަހު ބާއްވާ ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
"ކޮންސިސްޓެންސީ ތްރޫ ރެސިލިއެންސް: ސްޓޭއިންގް ސްޓްރޯންގް އިން ދަ ފޭސް އޮފް އެޑްވާސިޓީ" ގެ ނަމުގައި ކުރިއަށްގެންދާ މި ސެޝަން އަމާޒުކޮށްފައިވަނީ 10 ބައިވެރިންނަށެވެ. ސެޝަން ކުރިއަށްދާނީ މި އަންނަ މަހުގެ 15 ވަނަ ދުވަހުގެ ރޭ 20:00 އިން 22:00 އަށެވެ.
މި ސެޝަން ނަގައިދެއްވާނީ އައި.ސީ.އެފްގެ ސެޓިފައިޑް ޕްރޮފެޝަނަލް ކޯޗް އަދި ސެޓިފައިޑް ގްރޫޕް ކޯޗް މަރިޔަމް މުހައްމަދު އެވެ.
ދަ ކޯޗިން ކޯ އިން މަޢުލޫމާތު ދެއްވިގޮތުގައި، މި ސެޝަންގެ މައިގަނޑު މަޤްޞަދަކީ ކޯޗިންގ އަށް ގިނަ ބަޔަކު އަހުލުވެރިކޮށް، އޭގެ ފައިދާ މުޖުތަމަޢުގެ ގިނަ ބަޔަކަށް ފޯރުކޮށްދިނުމެވެ. އަދި މި ސެޝަނުގައި ބައިވެރިންނަށް އެމީހުންގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހުނަރު ދަސްކޮށްދެވޭނެއެވެ.
ސެޝަންގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކަށް "ދަ ކޯޗިން ކޯ. އެމްވީ" ގެ ފޭސްބުކް ޕޭޖުން ލިބެންހުރި ފޯމު މެދުވެރިކޮށް ކުރިމަތިލެވޭނެއެވެ. މި ސެޝަނަކީ އަމިއްލަ ދިރިއުޅުމުގައި ކަމެއް ހާސިލުކުރަން ނުވަތަ އުފާވެރިކަން ހޯދުމަށް، އަދި މަސައްކަތުގެ ދާއިރާގައި ކުރިއެރުން ހޯދަން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ފައިދާކުރާނެ ތަޖުރިބާއެއް ކަމުގައި އެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ.
މީގެއިތުރުން، ބައިވެރިންނަށް އެކަކު އަނެކަކާ ވާހަކަދައްކައި، ޚިޔާލު ބަދަލުކޮށް، ތަޖުރިބާ ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށާއި، ގޮންޖެހުންތަކާ ކުރިމަތިލުމަށް އެކި މީހުން ގެންގުޅޭ އުކުޅުތައް ދަސްވެ، އޭގެ ފައިދާ ލިބިގެންދާނެކަމަށްވެސް ދަ ކޯޗިން ކޯ އިން ވަނީ ފާހަގަކޮށްފައެވެ.
ދަ ކޯޗިންގ ކޯ އިން ބުނި ގޮތުގައި މިއީ ސިލްސިލާކޮށް ކުރިއަށްގެންދާ ސެޝަންތަކުގެ ތެރެއިން ދެވަނަ ސެޝަނެވެ. ފުރަތަމަ ސެޝަން ބޭއްވިފައިވަނީ ޖަނަވަރީ މަހުގައެވެ.
އަދި މި ސެޝަނުގައި އެންމެ ގިނަވެގެން ބައިވެރިވެވޭނީ 10 މީހުންނަށް ކަމަށާ، ސެޝަންގައި ބައިވެރި ވުމަށް އަންނަނިވި ލިންކުގައިވާ ފޯމު ފުރުމަށް އެފަރާތުން އެދިފައިވެއެވެ.
https://forms.gle/yJ44Nc8avwbxbUH79
މި ސެޝަނާ ގުޅޭ އިތުރު މަޢުލޫމާތު ދަ ކޯޗިންގ ކޯ ގެ ފޭސްބުކް ޕޭޖް، ، ލިންކެޑިން އަދި އިންސްޓަގްރާމުން ލިބެން ހުންނާނެ ކަމަށާ، އަދި coachingco.mv@gmail.com އަށް އީމެއިލް ކުރުމުން ނުވަތަ 9446363 ނަންބަރަށް ގުޅުމުންވެސް ލިބިގެންދާނެ ކަމަށް ކޯޗިންގ ކޯ އިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!