ބްރެޒިލްގެ ފުޓްބޯޅަ ތަރި ނޭމާ އާއި ސައުދީ ޕްރޯ ލީގުގެ އަލް ހިލާލުން ހަދާފައިވާ އެއްބަސްވުން އުވާލައިފިއެވެ.
ނޭމާ (32) އއަލް ހިލާލަށް ސޮއިކޮށްފައި ވަނީ 2023 ވަނަ އަހަރުއެވެ. އެއީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 400 މިލިއަން ޑޮލަރެވެ. ދެ އަހަރު ތެރޭ، ނޭމާ އަށް މި އަދަދު ލިބޭ އެ ކޮންޓްރެކްޓް ތެރޭގައި ކޮންޓްރެކްޓްގައި ސޮއިކުރާއިރު ދޭ ބޯނަހާއި މުސާރައިގެ އިތުރުން އިސްތިހާރުގެ ޑީލްތައް ހިމެނެއެވެ.
އަލް ހިލާލަށް ސޮއިކުރުމަށް ފަހު އޭނާއަށް ދިމާވި އަނިޔާގެ މައްސަލަތަކާއި ގުޅިގެން އެ ޓީމަށް ދަނޑުމަތީގައި މާބޮޑު ބޭނުމެއް ނުކުރެވުނެވެ. ފާއިތުވި މުއްދަތުގައި ނޭމާ އަލް ހިލާލަށް ކުޅެފައިވަނީ ވެސް އެންމެ ހަތަރު މެޗެއްގައެވެ. ވުމާއިއެކު އަލް ހިލާލުން ނޭމާގެ ކޮންޓްރެކްޓް އުވާލަން ނިންމާފައި ވަނީ އޭނާއާއި މަޝްވަރާވެސް ކުރުމަށް ފަހުއެވެ.
އަލް ހިލާލަށް ފަހު ނޭމާ ދެން ބަދަލުވާނީ އޭނާގެ ކުޑައިރުގެ ކްލަބް ކަމަށްވާ ބްރެޒިލްގެ ސަންޓޯސްއަށެވެ. ނޭމާ ސަންޓޯސްއަށް ބަދަލުވާން ނިންމާފައިވާކަން ފަބްރީޒިއޯ ރޮމާނޯ ވަނީ ޔަގީންކޮށްދީފައެވެ.
ސަންޓޯސް ދޫކޮށް، ނޭމާ، 2013 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވީ، ޖުމްލަ އެކު، 80 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. ބާސެލޯނާ ދޫކޮށް، ނޭމާ، 2017 ވަނަ އަހަރު ޕީއެސްޖީ އަށް ބަދަލުވީ ދުނިޔޭގެ އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގަ އެވެ. ޕީއެސްޖީން ނޭމާގެ ސޮއި ހޯދީ، 242 މިލިއަން ޑޮލަރުގެ ފީއެއް ދައްކާފައެވެ.
ނޭމާ، މީގެ ކުރިން، ސަންޓޯސް އަށް ކުޅުނުއިރު، އެ ޓީމަށް 225 މެޗުން 136 ގޯލު ޖަހައިދިނެވެ. އަލުން ނޭމާ ސަންޓޯސްއާ މި ގުޅެނީ 12 ވަރަކަށް އަހަރު ފަހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!