ފުވައްމުލަކުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ފޮށިގަނޑަކާ ހަވާލުވާން ދިޔަ ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިއަދު ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ފޮށިގަނޑަކާ ހަވާލުވާން ދިޔަ 40 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި އަންހެން މީހާ ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނު 10:45 ހާއިރު، ބޯޓަކުން ފުވައްމުލަކަށް ގެނައި ފޮށިގަނޑެއް ބަލައި ފާސްކޮށް، އެ ފޮށިގަނޑާ ހަވާލުވާން އުޅުނު ވަގުތުއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު އަންހެން މީހާގެ އިތުރު މަޢުލޫމާތެއް މިވަގުތު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ފުލުހުން މިހާރު ދަނީ މި މައްސަލަ ތަޙުޤީޤުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!