ށ. މިލަންދޫ ސްކޫލުގެ ދަރިވަރުންނަށް ހެޔޮގޮތުގައި އިންޓަނެޓް ބޭނުންކުރުމާ ގުޅޭގޮތުން މިއަދު މައުލޫމާތު ދީފިއެވެ.

މި މައުލޫމާތު ދިނުމުގެ ސެޝަން ބޭއްވުނީ މިއަދުގެ އެސެމްބްލީގައި ކަމަށާއި، މައުލޫމާތު ދެއްވީ މިލަންދޫ ޕޮލިސް ސްޓޭޝަނުގެ ފަރާތުން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވެ އެވެ.

Ad
rt

މި ސެޝަންގައި ދަރިވަރުންނަށް މައުލޫމާތު ދެވުނު މައިގަނޑު ބައިތަކުގެ ތެރޭގައި ހެޔޮގޮތުގައި އިންޓަނެޓް ބޭނުންކުރުމުގައި ސަމާލުވާންޖެހޭ ކަންކަމާއި، އާންމު އިޖުތިމާއީ މިންގަނޑުތައް އަދި ފަރުދީ ޒިންމާ އަދާކުރުމާ ގުޅޭ މައުލޫމާތު ހިމެނެއެވެ.

ދަރިވަރުންނަށް ދެވުނު މުހިންމު ނަސޭހަތްތަކުގެ ތެރޭގައި މައިންބަފައިންގެ ބެލެނިވެރިކަމުގެ ދަށުން ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުންކުރުމާއި، އިންޓަނެޓުގައި އެކައުންޓުތައް ހަދާއިރު ސައްހަ މައުލޫމާތު ބޭނުންކުރުމާއި، އަމިއްލަ މައުލޫމާތު ރައްކާތެރިކުރުމަށް ޕްރައިވެސީ ސެޓިންތައް ރަނގަޅަށް ބެހެއްޓުން ހިމެނެއެވެ. އަދި ނުދަންނަ މީހުންނާ މުއާމަލާތް ނުކުރުމަށާއި އެފަދަ ފަރާތްތަކަށް އަމިއްލަ މައުލޫމާތު ހާމަނުކުރުމަށް ވެސް އިރުޝާދު ދެވުނެވެ.

މީގެއިތުރުން، ސޯޝަލް މީޑިއާގައި އެހެން މީހުންނަށް އިހުތިރާމުކުރުމަށާއި، އެހެން މީހުންގެ އަގު ވައްޓާލުމާއި މަލާމާތްކުރުން ފަދަ ކަންކަމުން ދުރުހެލިވުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ބޭކާރު ކަންކަމުގައި އިންޓަނެޓް ބޭނުންކުރުމުގެ ބަދަލުގައި، ތަޢުލީމީ ގޮތުން ކުރިއެރުމަށް އަދި އާއިލާއާއި ގައުމަށް ފައިދާހުރި ގޮތެއްގައި އިންޓަނެޓް ބޭނުންކުރުމަށް ބާރުއަޅާފައިވެއެވެ.

އާންމު އިޖުތިމާއީ މިންގަނޑުތަކަށް ސަމާލުކަންދިނުމުގެ މުހިންމުކަން ވެސް މި ސެޝަންގައި ފާހަގަކުރެވުނެވެ. މިގޮތުން، މަގުމަތީގައި އުޅޭއިރު ވެސް އަހުލާގު ރަނގަޅު ނަމޫނާ ދަރިވަރުންގެ ގޮތުގައި ކުރިއަށް ދިއުމަށް ހިތްވަރުދީފައިވެއެވެ.

މި މައުލޫމާތު ދިނުމުގެ ސެޝަން ބޭއްވުނީ ދަރިވަރުންގެ މެދުގައި އިންޓަނެޓް ބޭނުންކުރުމުގެ ހޭލުންތެރިކަން އިތުރުކޮށް، ޒިންމާދާރު ގޮތެއްގައި ޓެކްނޮލޮޖީ ބޭނުންކުރާ ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައެވެ.