ޗައިނާއިން ސްރީލަންކާ އަށް 10 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓް ގެންދަން ތައްޔާރަށް އޮތްކަމަށް ލަންކާގެ ނޫހަކުން ރިޕޯޓުކޮށްފިއެވެ.

ލަންކާގެ ''ޑެއިލީ މިރަރ'' އިން އެ ނޫހަށް ލިބިފައިވާ މަޢުލޫމާތާއި ހަވާލާދީ ބުނެފައި ވަނީ ލަންކާގެ ރައީސް އަނުރާ ކުމާރަ ދިސަނާޔަކޭގެ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ނަތީޖާއެއްގެ ގޮތުން، ސްރީލަންކާއަށް ގާތްގަނޑަކަށް 10 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓް ޗައިނާގެ ކުންފުނިތަކުން ގެނައުމުގެ ފުރުޞަތު ވަނީ ލިބިގެން ގޮސްފައެވެ.

Ad
rt

ލަންކާގެ ރައީސް ދިސަނާޔަކޭ، ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް ދަތުރުފުޅެއް ކުރެއްވީ މި ޖެނުއަރީ މަހުގެ 14 އިން 17 އަށެވެ.

ރައީސް ދިސަނާޔަކޭއަށް ޗައިނާއިން ރައީސް ޝީ ރަސްމީ މަރުޙަބާ ދެންނެވީ ޖެނުއަރީ 15 ވަނަ ދުވަހު އެވެ. މި ދަތުރުފުޅުގައި ދެ ރައީސުން އިޤްތިޞާދީ އަދި ވިޔަފާރި ކުރިއެރުވުމާއި، އިންވެސްޓްމަންޓް، ފަތުރުވެރިކަން، ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދާއިރާއިން އެއްބާރުލުން ދިނުން ހިމެނޭ ގޮތަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައި ވެއެވެ.

މި ދައުލަތުގެ ދަތުރުފުޅުގައި، ޗައިނާ އާއި ލަންކާއާއި ދެމެދު 15 މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) ބަދަލުކުރެވިފައިވާއިރު، ލަންކާގެ ހަންބަންޓޯޓާގައި އެކްސްޕޯޓަށް އަމާޒުކޮށްގެން ހަދާ ތެލުގެ ރިފައިނަރީއަކަށް ޗައިނާގެ ސިނޯޕެކް ގްރޫޕާއެކު 3.7 ބިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

މި ދަތުރުފުޅުގެ ތެރެއިން "އިންވެސްޓް އިން ސްރީލަންކާ" ނަމުގައި ކުރިއަށް ގެންދިޔަ ފޯރަމްގައި ރައީސް ދިސަނާޔަކޭ ތަޤްރީރުކުރަށްވާފައިވާއިރު، މި ފޯރަމްގައި ޗައިނާގެ ސަރުކާރުގެ ވިޔަފާރިތަކާއި ކުންފުނިތަކުގެ މަތީ ފަންތީގެ މަންދޫބުން ބައިވެރިވިއެވެ.

''ޑެއިލީ މިރަރ''ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި ފޯރަމްގައި ބައިވެރިވި ޗައިނާގެ ސަރުކާރުގެ އިސް ވިޔަފާރިތަކުން ސްރީލަންކާގައި އައު އިންވެސްޓްމަންޓްތައް ގެނައުމަށާއި މިހާރު ހިނގަމުންދާ އިންވެސްޓްމަންޓް މަޝްރޫޢުތައް ފުޅާކުރުމަށް ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައެވެ. އަދި މި އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވި ޗައިނާގެ ކުންފުނިތަކުން ހަކަތަ، ވެހިކަލް އުފެއްދުން އަދި ޢިމާރާތްކުރުން ފަދަ އެކި ދާއިރާތަކުގައި ގާތްގަނޑަކަށް 10 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓް ސްރީލަންކާއަށް ގެންދިޔުމަށް ތައްޔާރަށް ތިބިކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފަވެއެވެ.

މި މަޝްވަރާތަކުގައި ބައިވެރިވި ފާހަގަކޮށްލެވޭ ކުންފުނިތަކުގެ ތެރޭގައި ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް (ސީސީސީސީ)، ޗައިނާ ޕެޓްރޯކެމިކަލް ކޯޕަރޭޝަން (ސިނޯޕެކް ގްރޫޕް)، މެޓަލަރޖިކަލް ކޯޕަރޭޝަން އޮފް ޗައިނާ ލިމިޓެޑް (އެމްސީސީ)، ހުވާވޭ އަދި ބީވައިޑީ އޮޓޯ ހިމެނޭކަމަށް ވެސް ''ޑެއިލީ މިރަރ''ގައި ބުނެފަވެއެވެ.