ކެންޑީއާއި ބުއިންތަކުގައި ދުނިޔޭގެ އެކިހިސާބުތަކުގައި ބޭނުންކުރާ ރެޑް ނަންބަރު 3 ކާކުލަ އެފްޑީއޭ އިން މަނާކޮށްފިއެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ބުދަ ދުވަހު ވަނީ ކެންޑީއާއި، ބުއިންތަކާއި އަދި އެހެނިހެން ކާނާގައި ބޭނުންކުރާ "ރެޑް ނަންބަރު 3" ކިޔާ ސިންތެޓިކް ކުލަ ބޭނުންކުރުން މަނާކޮށްފައެވެ. މި ކުލައަކީ ކާނާގައި ބޭނުންކުރުމަށް 1907 ވަނަ އަހަރު ހުއްދަ ދީފައިވާ ކުލައެކެވެ.
އެފްޑީއޭގެ ހިއުމަން ފުޑްސްގެ ޑެޕިއުޓީ ޑިރެކްޓަރު ޖިމް ޖޯންސް ވިދާޅުވި ގޮތުގައި މި ކުލަ މަތީ މިންވަރަށް ދިނުމުން ލެބޯޓްރީގައި ބޭނުންކުރާ ފިރިހެން މީދަލަށް ކެންސަރު ޖެހޭކަން ދިރާސާތަކުން ދައްކައެވެ.
އިންސާނުންނަށް ނުވަތަ ޖަނަވާރުންނަށް ކެންސަރު ޖެހޭކަން ސާބިތުވާ އެއްވެސް އެއްޗެއް ކާނާގައި ބޭނުންކުރުމުގެ ހުއްދަ އެފްޑީއޭ އިން ނުދެއެވެ.
މި ނިންމުމާ ގުޅިގެން ކާނާ އުފައްދާ ފަރާތްތަކަށް 2027 ވަނަ އަހަރުގެ ޖަނަވަރީ 15 ގެ ނިޔަލަށް އެ ބަދަލު ގެނައުމަށް ވަނީ މުއްދަތު ދީފައެވެ. އަދި ބޭސް ފަދަ ތަކެތި އުފައްދާ ފަރާތްތަކަށް އިތުރު އަހަރެއްގެ މުއްދަތު ދެވޭނެއެވެ.
މި ކުލައަކީ އެމެރިކާގެ އެތައް ހާސް ކާނާއެއްގައި ބޭނުންކުރާ ކުލައެކެވެ. މީގެ ތެރޭގައި ކެންޑީއާއި، ސީރިއަލްއާއި، ފްރޫޓް ކޮކްޓެއިލްގައި ބޭނުންކުރާ ޗެރީއާއި، ސްޓްރޯބެރީ މިލްކްޝޭކް ހިމެނެއެވެ.
މިއީ އޮސްޓްރޭލިއާ، ޖަޕާން އަދި ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުގައި މިހާރުވެސް ބޭނުންކުރުން މަނާކޮށްފައިވާ ކުލައެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!