އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ރޭ އާސެނަލްއާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު އެއްވަރުވެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ބަލިވެ، މުބާރާތުން އާސެނަލް ކަޓައިފިއެވެ.

ރޭ އާސެނަލްގެ ދަނޑުގައި ކުޅުނު މެޗު ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެފައެވެ. އިތުރުވަގުތުގެ ދެހާފު ކުޅެ ނިމުނުއިރު ވެސް ނަތީޖާއަށް ބަދަލުނައުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޔުނައިޓެޑުން އާސެނަލްގެ މައްޗަށް ކުރި ހޯދީ 5-3 ގެ ނަތީޖާއިންނެވެ.

Ad
rt

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ޔުނައިޓެޑުންނެވެ. މި ލަނޑު 52 ވަނަ މިނެޓުގައި ގަނާޗޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދިނީ ބްރޫނޯ ފެނާންޑޭޒްއެވެ. ޔުނައިޓެޑް ލީޑުގައި ކުޅެމުން ދަނިކޮށް އެ ޓީމަށް މައްސަލަދިމާވީ 61 ވަނަ މިނެޓުގައި، އެ ޓީމްގެ ފުލްބެކް ޑިއެގޯ ޑަލޯއަށް ދެވަނަ ރީނދޫކާޑާއިއެކު ރަތްކާޑު ދެއްކުމުންނެވެ.

ޔުނައިޓެޑުން އެކަކު މަދުވުމުގެ ފައިދާނަގައި އާސެނަލުން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 63 ވަނަ މިނެޓުގައި ޖަހައިދިނީ މަގާޅެސްއެވެ.

މެޗުގެ 72 ވަނަ މިނެޓުގައި ލީޑު ނަގަން ރަނުގެ ފުރުސަތެއް އާސެނަލްއަށް ލިބުނެވެ. ޔުނައިޓެޑްގެ އޭރިއާ ތަރެއިން ކައި ހަވާޓްޒްއަށް ފައުލަ ކުރުމުން ދިން ޕެނަލްޓީ، އޮޑެގާޑް ފޮނުވާލިއިރު، ރޭ މެޗުގައި ޔުނައިޓެޑް ގޯލު ބެލެހެއްޓި އަލްޓޭ ބަޔިންޑިއޭ ވަނީ މަތަކޮށްފައެވެ. އާސެނަލުން އޭގެ ފަހުން ވެސް އުފެއްދި ގިނަ ހަމަލާތަކެއްގެ ހުރަހަކަށް ވީ ރޭ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޔުނައިޓެޑްގެ ކީޕަރެވެ.

ޕެނަލްޓީގައި އާސެނަލްގެ އޮޑެގާޑާއި ޑެކްލަން ރައިސް އަދި ތޯމަސް ޕާޓޭ ފޮނުވާލި ޕެނަލްޓީ ކާމިޔާބުވިއިރު، އެ ޓީމްގެ ކައި ހަވާޓްޒް ފޮނުވާލި ޕެނަލްޓީ ޔުނައިޓެޑްގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

ޔުނައިތެޑްގެ ޕެނަލްޓީތައް ޖަހައިދިނީ ފެނާންޑޭޒް އާއި އަމަޑް ޑިއާލޯ، ލެނީ ޔޯރޯ އަދި ލިސަންޑްރޯ މާޓިނޭޒްގެ އިތުރުން ޖޯޝުއާ ޒާކްޒީއެވެ. މި ހުރިހާ ޕެނަލްޓީއެއް ވެސް ވަނީ ކާމިޔާބުކޮށްފައެވެ.

އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ނުކުންނާނީ، ވެން ނިސްޓެލްރޫއީގެ ލެސްޓަ ސިޓީއާ ދެކޮޅަށެވެ. ލެސްޓާ ވަނީ ރޭ ކިއުޕީއާރާ ވާދަކޮށް 6-2 އިން މޮޅުވެފައެވެ. ލިވަޕޫލް ބައްދަލުކުރާނީ ރޭ ބްރެންޓްފޯޑް 1-0 އިން ބަލިކުރި ޕްލައިމަތު އާޖައިލްއާ ދެކޮޅަށެވެ. ޗެލްސީ އާއި ބްރައިޓަން ބައްދަލު ކުރާއިރު، ޓޮޓެންހަމް ނުކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ. މެންޗެސްޓާ ސިޓީ ބައްދަލުކުރާނީ، އަންގާރަ ދުވަހުގެ ރޭ ޑާބީ ކައުންޓީ އާއި ލޭޓަން އޮރިއެން ބައްދަލުކޮށް މޮޅުވާ ޓީމަކާއެވެ.