ޗައިނާގެ ހަންގްޒޯ ސިޓީގައި ދިރިއުޅޭ 36 އަހަރުގެ އަންހެނަކަށް އޭނާ ބަލިވެއިންކަން އެނގުނުތާ 4 ގަޑިއިރު ތެރޭގައި ފިރިހެން ކުއްޖަކު ވިހައިފިއެވެ.
ގޮންގް ނަމަކަށް ކިޔާ މި އަންހެނާއަށް ކުރިން ޑޮކްޓަރުން ބުނެފައިވަނީ އޭނާއަކަށް ދަރިއަކު ލިބޭނެ ކަމަށް ނުފެންނަ ކަމަށެވެ.
އޭނާ ހޮސްޕިޓަލަށް ގޮސްފައިވަނީ ލޭގެ ޕްރެޝަރ ބޮޑުވެގެން ފަރުވާ ހޯދުމަށެވެ. ނަމަވެސް ޑޮކްޓަރުންނަށް ދެން އެނގުނީ އޭނާ ބަލިވެއިންތާ 34 ހަފްތާ ވެފައި ކަމެވެ.
"ޗާއޯ ނިއުސް" އިން ރިޕޯޓު ކުރި ގޮތުގައި، ގޮންގް އާއި އޭނާގެ ފިރިމީހާ ކުރިން އައިވީއެފް ފަރުވާ ހޯދުމަށް ޑޮކްޓަރުންނާ މަޝްވަރާ ކޮށްފައިވެއެވެ. ނަމަވެސް އެ ފަރުވާ ފެށުމުގެ ކުރިން ހަށިގަނޑުގެ ބަރުދަން މަދުކުރުމަށް ލަފާދީފައިވެއެވެ.
2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ގޮންގްއަށް ސިއްހީ މައްސަލަތަކެއް ދިމާވުމުން، އޭނާ ކުޑަ ކްލިނިކަކަށް ގޮސް ޗެކްކުރުމުން ލޭގެ ޕްރެޝަރ މަތިވެފައިވާކަން އެނގުނެވެ. އެހެންކަމުން އިތުރު ފަރުވާއަށް ބޮޑު ހޮސްޕިޓަލަކަށް ދިޔައެވެ.
ޑޮކްޓަރީ ޗެކަޕްގައި، އޭނާގެ މައްސަރު ކަންތައް ގަވާއިދުން ނުހިނގާކަމަށް ބުނުމުން، އަލްޓްރާސައުންޑް ސްކޭނެއް ހެދުމުން އެނގުނީ އޭނާ އިނީ ހައްޔަރުގައި ކަމެވެ.
ގޮންގްގެ ހާލަތު ނާޒުކުވުމާއެކު، ޑޮކްޓަރުން ވަގުތުން ސީސެކްޝަން ހެދިއެވެ. 2 ކިލޯގެ ފިރިހެން ކުއްޖަކު ނެގިއެވެ.
"އަހަރެންނަށް ބަލިވެއިން ކަން އެނގުނުތާ ހަމައެކަނި 4 ގަޑިއިރު ފަހުން ދަރިފުޅު ލިބުނީ،" ގޮންގް ބުންޏެވެ.
އެސްސީއެމްޕީ އިން ރިޕޯޓުކުރި ގޮތުގައި، މިފަދަ ހާދިސާތައް ހިނގުމަކީ އެ ހޮސްޕިޓަލުގައި މުޅިން އާކަމެއް ނޫނެވެ. މީގެ އަހަރުތަކެއް ކުރިން 100 ކިލޯގެ އަންހެނަކު އޮޕަރޭޝަނަކަށް އައުމުން، އޭނާ ބަލިވެއިންތާ 23 ހަފްތާވެފައިވާކަން އެނގުނެވެ.
ހޮސްޕިޓަލުގެ އޮބްސްޓެޓްރިޝަން ޑރ. ޔަންގް ލީވެއި ވިދާޅުވި ގޮތުގައި، ހަށިގަނޑުގެ ބަރުދަން މަތި އަންހެނުންނަށް ގިނަފަހަރު ބަލިވެއިން ކަން ނޭނގި ދެއެވެ. އެއީ ބަރުދަން އިތުރުވާ މިންވަރު ކުޑަވުމާއި، ބަނޑުގައި ކުއްޖާ އުފެދޭކަން ނޭނގޭތީއެވެ. "މާބަނޑު ކަން ނޭނގޭ އަންހެނުން ޕްރީނޭޓަލް ޗެކަޕްތަކަށް ނުދާނެއެވެ. އެހެންކަމުން މަންމައާއި ކުއްޖާގެ ރައްކާތެރިކަން ޔަގީން ކުރުމަކީ އުނދަގޫ ކަމެކެވެ،" ޑރ. ޔަންގް އިތުރަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!