މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާނީ އަންނަ މަހުގެ ހަ ވަނައަށް ވާ ބުރާސްފަތި ދުވަހު ކަމަށް އެ އިދާރާއިން މިއަދު ބުނެފި އެވެ.

އެއިދާރާއިން ބުނެފައިވަނީ، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ނިންމަވާފައިވާކަމަށާއި މިޖަލްސާއަށް ވާންޖެހޭ ތައްޔާރީތައް ފެށިފައިވާ ކަމަށެވެ.

Ad
rt

ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ޤައުމުގެ ޙާލަތާއި، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށް ކުރަންޖެހޭ ކަމަށް ފެންނަ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެކަމަށް ބުނެފައިވެ އެވެ.

އެހެންކަމުން، އެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވާނެއެވެ.

މަޖިލީހުގެ މަސައްކަތްތައް އަހަރެއްގެ މައްޗަށް ތިން ދައުރަކަށް ބެހިގެންދެ އެވެ.

ކޮންމެ އަހަރެއްގެ ފުރަތަމަ ދައުރު ފެބުރުއަރީ މަހުން ފެށީގެން އެޕްރީލް މަހުގެ ނިޔަލަށް ހިނގާއިރު ދެވަނަ ދައުރު ހިނގާނީ މޭ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. އަދި ތިން ވަނަ ދައުރު ހިނގާނީ އޯގަސްޓު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.