އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސް އެންޖެލަސް ސިޓީގައި ރޯވެފައިވާ އަލިފާންގަނޑު ފެތުރެމުންދާއިރު މިހާތަނަށް 5 މީހުން މަރުވެއްޖެއެވެ.
މިޑިއާ ރިޕޯޓުރައް ބުނާގޮތުގައި، ހާހަކަށްވުރެއް ގިނަ އިމާރާތް ހަލާކުވެ، 130،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވެއެވެ.
އަންގާރަ ދުވަހު ރޯވި މިއަލިފާންގަނޑުގައި ގޭގެއާއި މަގުތަކުގައި އަލިފާން ރޯވެ، 42 އަކަމޭލުގެ (108 އަކަ ކިލޯމީޓަރު) ސަރަހައްދެއް އަންދާލާފައިވެއެވެ. ބުދަ ދުވަހުގެ ރޭ ވަނީ ޕެސިފިކް ކަނޑުގެ އައްސޭރިފަށުން ފެށިގެން ޕަސަޑީނާއަށް 6 އަލިފާންގަނޑެއް ރޯވެފައެވެ. މީގެ ގިނަ އަލިފާންގަނޑުތައް ވަނީ ކޮންޓްރޯލް ނުކުރެވި އެވެ.
ސެޓެލައިޓް މަންޒަރުތަކުން ދައްކާގޮތުގައި ޕެސިފިކް ޕެލިސޭޑްސްގައި ރޯވި އަލިފާނުގެ ސަބަބުން 15،000 އޭކަރަށްވުރެ ބޮޑު ސަރަހައްދެއް އަނދައި، ގިނަ އަދަދެއްގެ އިމާރާތްތައް އަނދައި ހަލާކުވެފައިވާތަން ފެެނެ އެވެ.

ލޮސް އެންޖެލަސްގެ އުތުރުގައި ހުންނަ ފަރުބަދަތަކުގެ ފަހަތުގައިވާ އަލްޓަޑީނާ ސަރަހައްދުގައި ރޯވި އީޓަން އަލިފާނުގެ ސަބަބުން ގިނަ އަދަދެއްގެ މަގުތަކާއި ގޭގެ އަނދައި ހަލާކުވެފައިވާކަން ސެޓެލައިޓް މަންޒަރުތަކުން ދައްކައެވެ. ބުދަ ދުވަހު އެ ސަރަހައްދުގެ މަގުތައް އަޅިން ފުރި، ގިނަ އަދަދެއްގެ އިމާރާތްތަކުގައި އަލިފާން ރޯވެފައިވާކަން ފާހަގަކުރެވުނެވެ.

ލޮސް އެންޖެލަސްގެ މޭޔަރު ކެރެން ބާސް ވިދާޅުވީ ކެލިފޯނިއާގެ އެކި ކަންކޮޅުތަކުންނާއި އެހެން ތަންތަނުން އަލިފާން ނިއްވުމަށް އެހީތެރިވުމަށް އައިސްފައިވާ ކަމަށާއި، ވައިގެމަގުންވެސް އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އީޓަން ސިޓީގެ އަލިފާނުގެ ސަބަބުން 200 އާއި 500 އާ ދެމެދުގެ އަދަދެއްގެ އިމާރާތްތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި އެސިޓީގެ ފެނުގެ ނިޒާމަށް ބުރޫއަރައި، ކަރަންޓު ކެނޑުމުގެ ސަބަބުން އިތުރު ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ބާރަށް ވައިޖެހެމުން އަންނާތީ އާއި ވައިގެ ތެރެއިން އަލިފާންގަނޑު ފެތުރެމުން އަންނާތީވެ، އަލިފާން ފެތުރުނު ބާރުމިނުގައި ހުއްޓުވުމަކީ ނުކުރެވޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި އަލިފާނުގެ ސަބަބުން 16.5 އަކަމޭލު (43 އަކަ ކިލޯމީޓަރު) އަށްވުރެ ބޮޑު ސަރަހައްދެއް އަނދައި، 5 އަށްވުރެ ގިނަ ސްކޫލް ކެމްޕަސްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. މިވަގުތު 2000 އަށްވުރެ ގިނަ ފަޔަރ ފައިޓަރުން އަލިފާން ނިއްވުމުގެ މަސައްކަތުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
މޫސުމީ ބަދަލުތަކާ ގުޅިގެން އެމެރިކާގެ ހުޅަނގު ސަރަހައްދުގައި މިފަދަ އަލިފާނުގެ ހާދިސާތައް އިތުރުވަމުންދާކަން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!