މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންތަކެއްގެ ހިޔާނާތުގެ މައްސަލައެއް ފެންމަތިވެފައިވާއިރު، ޚިޔާނާތުގެ ތުހުމަތުވާ އެއްވެސް އޮފިސަރެއް ރިޓަޔަރއެއް ކޮށްދީފައި ނުވާނެކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ.

މި މައްސަލާގައި ތުހުމަތުވާ އެންމެ އިސްމީހާ ކަސްޓަމްސްއިން ރިޓަޔަރކޮށްދީފައިވާކަމަށް ބުނެ މިއަދު މީސްމީޑިއާގައި ވަނީ ޚަބަރު ފަތުރާފައެވެ.

Ad
rt

މިހެން ކަން ހިނގާފައި ވަނިކޮށް ކަސްޓަމްސްގެ ރަސްމީ މީސްމީޑިއާ އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ އިދާރާގެ ބައެއް އޮފިސަރުންނަށް ތުހުމަތު ކުރެވިގެން، މަނީ ލޯންޑްރިންގ، ޚިޔާނާތް އަދި ރިޝްވަތާގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙްޤީޤެއް ކުރައްވަމުން ގެންދަވާކަމަށް އެ އިދާރާއަށް އަންގަވާފައިވާ ކަމަށެވެ.

“މިގޮތުން ތަޙްޤީޤުގައި ހިމެނޭ އޮފިސަރުންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވާފައިވާ އެއްވެސް އޮފިސަރެއް މި ސަރވިސްއިން ރިޓަޔަރކޮށްފައި ނުވާނެ ވާހަކަ ދެންނެވީމެވެ.” ކަސްޓަމްސް އިން ބުނެފަވެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންތަކަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ، ހިޔާނާތް އަދި ރިޝްވަތުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނީ 6 ޖެނުއަރީ 2024 ގައެވެ.

ފުލުހުން ބުނިގޮތުގައި އެ މައްސަލައިގެ ތަހުގީގު މިދިޔަ އަހަރުގެ އޯގަސްޓް 19 ވަނަ ދުވަހުން ފެށިގެން އަންނަނީ ކުރިއަށް ގެންދަމުންނެވެ.