ޗައިނާގެ ބޮޑު ސޯލާ ކުންފުންޏެއްކަމަށްވާ ޓްރިނާ ސޯލާ އިން ވަކި ބާވަތެއްގެ ސޯލާ މޮޑިއުލްއެއްގެ ހަކަތަ ބަދަލުކުރުމުގެ ރޭޓުން ދުނިޔޭގެ އައު ރެކޯޑެއް ހާސިލުކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ޖަރުމަނުގެ ސޯލާ ދިރާސާކުރާ މަރުކަޒު، ފްރޯންހޯފަރ ކެލްލެބް އިން ސެޓިފައިކޮށްދިން ނަތީޖާތަކުން ދައްކާގޮތުން، ލެބޯޓަރީ ޓެސްޓުތަކުގައި ޓްރިނާގެ އެން-ޓައިޕް ފުލީ ޕާސިވޭޓަޑް ހެޓެރޯޖަންކްޝަން (އެޗްޖޭޓީ) މޮޑިއުލްތަކުގެ ހަކަތަ ބަދަލުކުރުމުގެ ރޭޓު ވަނީ 25.44 އިންސައްތައަށް އަރާފައެވެ.
ޕާސިވޭޝަނަކީ ސޯލާ ސެލްގެ ސަތަހުގައި ހުންނަ އުނިކަންތައްތައް ނިވާކޮށްދޭ ޓެކްނޮލޮޖީއެކެވެ. އަދި ސެލްގެ އެފިޝެންސީއަކީ ސޯލާ އާލާތަކަށް ޖެހޭ އިރުގެ ހަކަތައިން ބޭނުންކުރެވޭ ކަރަންޓަށް ބަދަލުކުރެވޭ މިންވަރެވެ. ސެލްގެ އެފިޝެންސީ އިތުރުކުރުމުން ސޯލާ އިންސްޓޮލޭޝަންތަކަށް ބޭނުންވާ ޖާގަ ކުޑަކުރުމަށާއި އަގު ދަށްކުރުމަށް އެހީތެރިވެއެވެ.
އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސް ޔުނިވަރސިޓީގެ ޕްރޮފެސަރ މާޓިން ގްރީން ވިދާޅުވީ މި ނަތީޖާއިން ދައްކުވައިދެނީ އެޗްޖޭޓީ ސޯލާ ޓެކްނޮލޮޖީގެ ޤާބިލުކަން ކަމަށެވެ. މިއީ މި ސިނާއަތުގެ އަންނަން އޮތް ޖީލުގެ މައި ޓެކްނޮލޮޖީގެ ގޮތުގައި ވާދަކުރަމުންދާ އެތައް ޓެކްނޮލޮޖީއެއްގެ ތެރެއިން އެކެކެވެ.
ޓްރިނާގެ ޗެއާމަން އަދި ސީއީއޯ ގާއޯ ޖިފަން ވިދާޅުވީ ކުންފުނީގެ ޓެކްނޮލޮޖީގެ ލީޑަރޝިޕް ދެމެހެއްޓުމަށްޓަކައި، ޕާސިވޭޓަޑް ސޯލާ ޓެކްނޮލޮޖީގެ ދާއިރާއިން އިތުރު ދިރާސާތަކާއި ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އެޗްޖޭޓީ ޓެކްނޮލޮޖީގެ ރެކޯޑެއް ކަމުގައިވުމުގެ އިތުރުން، މި ނަތީޖާއަކީ ސިންގަލް-ކްރިސްޓަލައިން ސިލިކޮން ސޯލާ ސެލް މޮޑިއުލްތަކުގެ ފޮޓޯއިލެކްޓްރިކް ކޮންވާޝަން އެފިޝެންސީގެ އައު ރެކޯޑެއްކަމަށް ޓްރިނާ އިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!