ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ލިބަރަލް ޕާޓީގެ އެތެރޭގެ ހަމަނުޖެހުންތަކާ ހަވާލާދެއްވަމުން، އަންނަ މަސްތަކުގެ ތެރޭގައި މަޤާމުން އިސްތިއުފާ ދެއްވާނެ ކަމަށް މިއަދު އިއުލާން ކުރައްވައިފިއެވެ.
53 އަހަރުގެ އުމުރުފުޅުގައި، 9 އަހަރު ވަންދެން ބޮޑުވަޒީރުކަން ކުރެއްވި ޓްރޫޑޯ ވިދާޅުވީ، ޕާޓީން އައު ލީޑަރެއް އިންތިޚާބު ކުރަންދެން ބޮޑުވަޒީރުކަމުގައި އަދި ޕާޓީގެ ލީޑަރުކަމުގައި ދެމިހުންނަވާނެ ކަމަށެވެ.
"އަންނަ އިންތިޚާބުގައި ޤައުމަށް ރަނގަޅު ޗޮއިސްއެއް ދޭން ޖެހޭނެ. އަދި އަޅުގަނޑަށް ޔަގީންވެއްޖެ އެތެރޭގެ ހަނގުރާމަތަކުގައި އުޅެން ޖެހޭއިރު، އެ އިންތިޚާބަށް އެންމެ ރަނގަޅު އޮޕްޝަނަކަށް އަޅުގަނޑު ނުވާނެކަން"
ޓްރޫޑޯ ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވިއެވެ.
މީގެއިތުރުން، މާރޗް 24 އާ ހަމައަށް ޕާލަމެންޓް މެދުކަނޑާލެވޭނެ ކަމަށްވެސް އެމަނިކުފާނު އިއުލާން ކުރެއްވިއެވެ.
މި އަހަރުގެ އޮކްޓޯބަރު 20 ގެ ކުރިން އިންތިޚާބު ބާއްވަން ޖެހޭއިރު، މަތިވެގެންދާ އަގުތަކާއި ދިރިއުޅުމުގެ ޚަރަދުތަކާމެދު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ޓްރޫޑޯ އިިސްތިއުފާދެއްވާއިރު، އެ ޕާޓީގެ ލީޑަރަކަށް ކޮންމެ ބޭފުޅަކު ހޮވުނު ނަމަވެސް، އިދިކޮޅު ކޮންސަވޭޓިވް ޕާޓީން އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ހޯދުންތަކުން ދައްކައެވެ.
ފާއިތުވި ހަފްތާތަކުގެ ތެރޭގައި ޓްރޫޑޯގެ ފައިނޭންސް މިނިސްޓަރު އިސްތިއުފާދެއްވުމާއެކު، އެތައް މެންބަރުންނެއް ޓްރޫޑޯ މަޤާމުން ވަކިވުމަށް ގޮވާލައްވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!