އިނިގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި އާސެނަލުން މުހިންމު ޕޮއިންޓްތައް ގެއްލުވާލިއިރު މެންޗެސްޓާ ސިޓީން މުހިންމު ތިން ޕޮއިންޓް ހޯދައިފިއެވެ.

ރޭ ރަށުން ބޭރުގައި ޗެލްސީ ނުކުމެފައި ވަނީ ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށެވެ. މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

Ad
rt

ޗެލްސީން ކޯލް ޕާމާގެ ގޯލުން މެޗުގެ ކުރީކޮޅުގައި ލީޑުނަގާފައިވަނިކޮށް، ޕެލަސް އިން އެއްވަރުކުރީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައި ހުއްޓައެވެ. މި ލަނޑު ޖެހީ އެބްރެޗޭ އެޒޭ ދިން ބޯޅައަކުން ޖިއަން ފިލީޕް މަޓޭޓާ ޖެހި ގޯލުންނެވެ. މިއީ، ލީގުގައި ޗެލްސީން މޮޅެއް ނުލިބި ޖެހިޖެހިގެން ނިންމާލަން ޖެހުނު ތިން ވަނަ މެޗެވެ.

އާސެނަލް ރަށުން ބޭރުގައި ބްރައިޓަންއާއި ދެކޮޅަށް ކުޅުނު މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ.

އާސެނަލުން 17 އަހަރުގެ އީތަންގެ ގޯލުން ފުރަތަމަ ހާފުގައި ލީޑުނެގިއިރު، ދެ ވަނަ ހާފުގައި ބްރައިޓަން އިން އެއްވަރުކުރީ ޖޮއާއޯ ޕެޑްރޯ ޖެހި ޕެނަލްޓީންނެވެ. މިއީ، އާސެނަލްގެ ސަލީބާ އޭރިއާތެރެއިން ޖޮއާއޯ ޕެޑްރޯ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީއާއި މެދު އާސެނަލްގެ ކޯޗު ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

ދަށް ނަތީޖާތަކަކަށް ފަހު ސިޓީ ހަމައަކަށް އެޅެން ފަށާފައިވާއިރު، ސިޓީން ރޭ އަމިއްލަ ދަނޑުގައި ވަނީ 4-1 ގެ ނަތީޖާއިން ވެސްޓްހޭމް ބަލިކޮށްފައެވެ.

ހާލަންޑް ސިޓީގެ ދެ ގޯލު ޖެހި މި މެޗުގައި އެ ޓީމުގެ އަނެއް ލަނޑުތައް ޖެހީ ފިލް ފޯޑެންގެ އިތުރުން ވެސްޓް ހޭމްގެ ޑިފެންޑަރު، ވްލަޑިމިއޭ ސޯފާލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ވެސްޓް ހޭމްގެ ލަނޑު ޖެހީ، ޖަރުމަނުގެ މިޑްފީލްޑަރު، ނިކްލަސް ފުލްކްރޫގްއެވެ. މިއީ، މިދިޔަ އޮކްޓޫބަރު މަހުގެ ފަހުން، ސިޓީން ޖެހިޖެހިގެން ދެ މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.

ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލަށް 18 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އާސެނަލަށް 20 މެޗުން ވަނީ 40 ޕޮއިންޓް ލިބިފައެވެ. ތިން ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް 19 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް ވަނީ 20 މެޗުން 36 ޕޮއިންޓް ލިބިފައެވެ. ސިޓީ މިވަގުތު އޮތީ ތާވަލުގެ ހަވަނާގައެވެ. އެ ޓީމަށް 20 މެޗުން ލިބިފައި ވަނީ 34 ޕޮއިންޓެވެ.