މާލޭގެ މަގުތައް އާންމު ހާލަތަކަށް އަންނަންދެން ބަރު އުޅަނދުތަކާއި، ހަތަރު ފުރޮޅުލީ އުޅަނދުތައް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުދުއްވަން ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ގޭގެއަށް ފެންވަނުމުގެ ހާދިސާތައް ހިނގަމުން އަންނަ ކަމަށެވެ.
އެހެންވެ މަގުތަކުގައި ފެންހިނދި މަގުތައް އާންމު ހާލަތަކަށް އަންނަންދެން ބަރު އުޅަނދުތަކާއި، ހަތަރު ފުރޮޅުލީ އުޅަނދުތައް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުދުއްވަން އެދޭކަމަށް ފުލުހުން ބުންޏެވެ.
ބަރު އުޅަނދު މާލޭގެ މަގުތަކުގައި ނުދުއްވުމަށާއި 4 ފުރޮޅުލީ އުޅަނދު، ޒަރޫރީ ބޭނުންތަކުގައި މެނުވީ ނުދުއްވުމަށް ހަނދާން ކޮށްދެން! https://t.co/9SuM5iUMMv
— Maldives Police (@PoliceMv) January 3, 2025
މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ފުލުހުންނާއި ސިފައިން ވެސް އަންނަނީ ފެންހިންދުމުގައި މަސައްކަތް ކުރަމުންނެވެ.
މާލެ އަށް ދަނީ މިއަދު ހެނދުނުއްސުރެ ހެން ވާރޭ ވެހެމުންނެވެ. މި ވިއްސާރާގައި މާލޭގެ ގިނަ ސަރައްދުތަކުގައި ވަނީ ފެން ބޮޑުވެފައެވެ.
މާލޭގައި ފެންބޮޑުވެ ގޭގެއަށާއި، ފިހާރަ، ހޮޓާ ރެސްޓޯރަންޓްތަކަށް ވެސް ވަނީ ފެން ވަދެފައެވެ. އަދި ފެންބޮޑުވި ބައެއް ސަރަހައްދުތަކުގެ މަގުމަތީ ޕާކުކޮށްފައި ހުރި ސައިކަލްތައް ވެއްޓި ވަނީ އާންމުންނަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާންޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!