ރަޝިއާގެ އެއަރ ޑިފެންސް ސިސްޓަމުން އަޒަރުބައިޖާނުގެ މަދަނީ ފްލައިޓަކަށް ހަމަލާދީ އެބޯޓް ވައްޓާލުމާ ގުޅިގެން ޕުޓިން މަޢާފަށް އެދިއްޖެއެވެ.

އަޒަރުބައިޖާނުގެ ރައީސް އިލްހާމް އަލިއެވްއާ ފޯނުން ގުޅުއްވާ ޕޫޓިންވަނީ މަޢާފަށް އެދި، ހިތާމައާއެކު ތަޢުޒިޔާ ދަންނަވައިފައެވެ.

Ad
rt

ކްރެމްލިންގެ ބަޔާނެއްގައި ބުނެފައިވަނީ، މި ހިތާމަވެރި ހާދިސާއަށް މަޢާފަށް އެދި، މަރުވެފައިވާ މީހުންގެ ޢާއިލާތަކަށް ފުން ހިތާމައާއެކު ތަޢުޒިޔާ ދަންނަވައި، ޒަޚަމްވެފައިވާ މީހުންނަށް އަވަސް ޝިފާއަކަށް ރައީސް ޕޫޓިން އެދިވަޑައިގަންނަވާ ކަމަށެވެ.

ޕުޓިން ވިދާޅުވީ، ޔުކްރެއިންގެ ޑްރޯން ހަމަލާއަކަށް ރަޝިއާގެ އެއަރ ޑިފެންސް ސިސްޓަމްތަކުން އަމަލީ ގޮތުން ޖަވާބުދެމުންދިޔަ ވަގުތެއްގައި އަޒަރުބައިޖާނުގެ މަދަނީ މަތިންދާބޯޓު ޗެޗްނިއާގެ ގްރޮޒްނީ ސިޓީގައި އެތައް ފަހަރަކު ޖައްސަން މަސައްކަތްކުރިކަމަށެވެ.

ރަޝިއާގެ ތަހުގީގީ ކޮމިޓީން ޖިނާއީ ގާނޫނުގެ 263 ވަނަ މާއްދާގެ ދަށުން މައްސަލައެއް ހުޅުވައިފައިވާކަމަށް ޕުޓިން ވިދާޅުވިއެވެ. މި މާއްދާގައި ބަޔާންކުރަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި އޮޕަރޭޝަންގެ ގަވާއިދުތަކާ ޚިލާފުވުމުގެ މައްސަލަތަކެވެ.

"މަދަނީ އަދި އަސްކަރީ މާހިރުންގެ ލަފާ ހޯދައިގެން ފަށައިގަތުމުގެ ގޮތުން ތަހުގީގީ މަސައްކަތްތައް ކުރިއަށްދަނީ" ކަމަށް ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

ބުދަ ދުވަހު އަޒަރުބައިޖާނުގެ ވެރިރަށް ބާކޫ އިން ގްރޮޒްނީއަށް ދަތުރުކުރަމުންދިޔަ އަޒަރުބައިޖާން އެއަރލައިންސްގެ ފްލައިޓެއް ކަޒަކިސްތާނުގެ އަކްޓައު ސިޓީ ކައިރީގައި ވެއްޓި، 67 މީހުންގެ ތެރެއިން 38 މީހުން މަރުވެފައިވާއިރު، 29 މީހުން ވަނީ ސަލާމަތް ވެފައެވެ.