ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ސެވިއްޔާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ރެއާލް ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ރެއާލް މޮޅުވީ 4-2 ގެ ނަތީޖާއިންނެވެ.
ރޭ މެޗުގައި ރެއާލުން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ފުރަތަމަ ހާފުގައި ވަނީ ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 10 ވަނަ މިނެޓުގައި ރޮޑްރިގޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އެމްބާޕޭއެވެ. މިއީ އޭނާ ރެއާލަށް ހުރިހާ މުބާރާތެއް ހިމެނޭހެން ޖަހައިދިން 14 ވަނަ ލަނޑެވެ.
ރެއާލްގެ ދެވަނަ ލަނޑު 20 ވަނަ މިނެޓުގައި ޖަހައިދިނީ ވަލްވަޑޭއެވެ. ކަމަވިންގާ ދިން ޕާހަކުން އޭރިއާ ބޭރުގައި ހުރެ ވަލްވަޑޭ ފޮނުވާލި ރޮކެޓް ހަމަލާ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ. ރެއާލްގެ ތިންވަނަ ލަނޑު 34 ވަނަ މިނެޓުގައި ލޫކަސް ވަޒްކޭޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ރޮޑްރިގޯއެވެ. ޖެހިގެން އައި މިނެޓުގައި ސެވިއްޔާގެ އިސާކް ރޮމޭރޯ ވަނީ ލަނޑެއްޖަހައި އެ ޓީމަށް ސުމެއް ކަނޑުވާލާފައެވެ.
ދެވަނަ ހާފު ފެށިތާ އަށް މިނެޓްތެރޭ ރެއާލަށް ހަތަރުވަނަ ލަނޑު ޖަހައިދިނީ ބްރަހިމް ޑިއާޒްއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ އެމްބާޕޭގެ އެހީތެރިކަމާއި އެކުއެވެ. ސެވިއްޔާގެ ދެވަނަ ލަނޑު 85 ވަނަ މިނެޓުގައި ޖަހައިދިނީ ޑޮޑީ ލުކެބަކިއޯއެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ރެއާލް ވަނީ ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. 18 މެޗުން 40 ޕޮއިންޓް ހޯދައިގެން ރެއާލް ދެވަނާގައި އޮތްއިރު 18 މެޗުން ހޯދި 41 ޕޮއިންޓާއިއެކު އެއްވަނާގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ. ތިންވަނާގައި ބާސާ އޮތީ 19 މެޗުން 38 ޕޮއިންޓް ހޯދައިގެނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!