ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗު، ބިލްބާއިން ކާމިޔާބު ކޮށްފިއެވެ. ބިލްބާއޯގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ރެއާލްގެ މައްޗަށް ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ.

މި ބައްޔާއިއެކު ރެއާލަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލުމަށް ފަހިވެފައިވާ ފުރުސަތު ވެސް ބަންދުވެފައެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު ބާސެލޯނާ އޮތީ 16 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ. ރެއާލަށް 15 މެޗުން 33 ޕޮއިންޓް ލިބިފައިވާއިރު، މެޗު ހަމަވާއިރު ބާސާއާއި އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު ރެއާލަށް އެބައޮތެވެ.

Ad
rt

ރޭ މެޗުގެ ފުރަތަމަ ހާފުގައި ރެއާލުގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ ވަރަށް އާދައިގެ ކުޅުމެކެވެ. މިގޮތުން ފުރަތަމަ ހާފުގައި ރެއާލަށް ގޯލުޖަހާނެ ފުރުސަތެއް ވެސް ފަހިކުރެވިފައި ނުވެއެވެ. ނަމަވެސް ބިލްބާއޯއިން ވަނީ ނުރައްކާތެރި ތިން ހަމަލާއެއް ފޮނުވާލާފައެވެ. ނިކޯ ވިލިއަމްސް ފޮނުވާލި ހަމަލާ ރެއާލްގެ ކީޕަރު މަތަކުރިއިރު ބެރެންގޭ އަށް ހުސް ގޯލަށް ފޮނުވާލަން ލިބުނު ފުރުސަތުގައި ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިން ބޭރަށެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ބިލްބާއޯއިންނެވެ. މެޗުގެ 53 ވަނަ މިނެޓުގައި ބެރެންގޭ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ އިނާކީ ވިލިއަމްސް ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ. މެޗުގެ 67 ވަނަ މިނެޓުގައި ބިލްބާއޯގެ ކީޕަރ އަރިޒަބަލާ، ރެއާލުގެ ޑިފެންޑަރ ރުޑިގާއަށް ކުރި ފައުލަކާއި ގުޅިގެން ރެއާލަށް ޕެނަލްޓީއެއް ލިބުނުއިރު، އެމްބާޕޭ ފޮނުވާލި ޕެނަލްޓީ އަރިޒަބަލާ ވަނީ މަތަކޮށްފައެވެ.

ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ލިވަޕޫލާއި ދެކޮޅަށް ރެއާލް ކުޅިން މެޗުގައި ލިބުނު ޕެނަލްޓީ ވެސް އެމްބާޕޭ އަތުން ނާކާމިޔާބުވީއިރު މި ސީޒަންގައި އޭނާ ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ މިވަނީ ނާކާމިޔާބު ވެފައެވެ.

ރެއާލަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު 78 ވަނަ މިނެޓުގައި ބެލިންހަމް ޖަހައިދިންއިރު، އޭގެ ދެ މިނެޓް ފަހުން ރެއާލްގެ ވަލްވަޑޭއަށް ހެދުނު ގޯހެއްގެ ފައިދާނަގައި ބިލްބާއޯގެ ގުރުޒެކާ ވަނީ ލަނޑުޖަހައި އެ ޓީމް މޮޅުކޮށްދީފައެވެ.

ބިލްބާއޯ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 4 ވަނާގައެވެ. އެ ޓީމަށް 16 މެޗުން ވަނީ 29 ޕޮއިންޓް ލިބިފައެވެ.